މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް

Fri, 19 Apr 2024 12:04 PM

View on this article on Raajje.mv

މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ޕްރި-އިލެކްޝަން މަރުހަލާ މޮނިޓަރކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ބުނެފިއެވެ.



މި ރިޕޯޓުގައި ބުނެފައިވަނީ ސަރވޭގެ ބައިވެރިންގެ 68 އިންސައްތަ މީހުން ދެކޭ ގޮތުގައި މިހާރަށްވުރެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް ގަބޫލުކުރާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަވީނަމަވެސް، އޭގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް ބިނާ ކުރަނިވި ގޮތަކަށް ކުރިޔަށް ނުދާކަމަށް އާންމުން ގަބޫލުކުރާ ކަމަށެވެ.

އަދި އާބާދީއަށް އަންނަ ބަދަލާއެކު ކޮންމެ ފަސްއަހަރަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމަކީ ދައުލަތުގެ ޚަރަދުތައް އިތުރަށް ބޮޑުވެގެންދާނެ ކަމެއްކަމުގައި ފާހަގަކުރެވޭތީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާ ނިޒާމު ބައްޓަންވެފައިވާ ގޮތް ރިވިއުކުރުމަށް ހުށަހަޅަންޖެހޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެމީހެއްގެ ދާއިމީ އެޑްރެސް ނިސްބަތްވާ އިންތިޚާބީ ދާއިރާ ތަމްސީލުކުރާނެ ފަރާތްތައް އިންތިޚާބުކުރުމުގައި ބައިވެރިވުމުގެ ބަދަލުގައި އެމީހަކު ދިރިއުޅޭ އިންތިޚާބީ ދާއިރާ ތަމްސީލުކުރާނެ ފަރާތެއް އިންތިޚާބުކުރުމުގެ ފުރުޞަތު އޮތުމަކީ، ހިޖުރަކޮށް ރާއްޖޭގެ އެހެން ސަރަހައްދެއްގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ފަރާތްތަކަށް އެ ސަރަހައްދު ނިސްބަތްވާ ދާއިރާގެ ކަންކަމުގައި ބައިވެރިވުމަށް ލިބޭ ފުރުސަތެއްކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އެމީހަކު ދިރިއުޅޭ އިންތިޚާބީ ދާއިރާއަށް އިންތިޚާބުކުރެވޭ މަޤާމުތަކުގައި ބަސްބުނުމަށް އެ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި މިހާރު ޤާއިމުކޮށްފައިވާ ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމުތޯ ބެލުމަށް ދިރާސާއެއްކުރުމަށް ހުށަހަޅާނެ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

މީގެ އިތުރުން ފާއިތުވެ ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ދާއިރާތަކާ އަޅާކިޔާއިރު މި ފަހަރުގެ އިންތިޚާބުގެ ބައެއް ދާއިރާތައް ބަދަލުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ. އަދި ދާއިރާ ކަނޑައަޅާއިރު އެ ދާއިރާއަކަށް ވޯޓުލާ މީހުންގެ މަސްލަހަތަށް އިސްކަންދޭ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބަޔާކޮށްފައިވީ ނަމަވެސް ދާއިރާ ބަދަލުކުރާއިރު، އެ ދާއިރާއެއްގެ މީހުންގެ ޚިޔާލު ހޯދާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މުޖްތަމަޢުގެ އަމާންކަމާއި އެއްބައިވަންތަކަމަކީ ދާއިރާ ކަނޑައެޅުމުގައި ބަލާ އެއް އަސާސްކަމުގައިވާއިރު، ދާއިރާތަކަށް ގެންނަން ހުށައަޅާ ބަދަލުތަކާ ގުޅޭގޮތުން އެ ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު އެ ބަދަލުތައް ގެނައުމަށް ވެސް އެޗްއާރުސީއެމްއިން ވަނީ ހުށަހަޅާފައެވެ.



More from Raajje.mv