މިއީ އިސްތިއުފާ ދޭންޖެހޭ ވަގުތުކަމަށް ގަބޫލެއް ނުކުރަން: ފައްޔާޒު

Thu, 02 May 2024 07:14 AM

View on this article on Raajje.mv

މިއީ އިސްތިއުފާ ދޭންޖެހޭ ވަގުތުކަމަށް ގަބޫލެއް ނުކުރަން: ފައްޔާޒު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީ އާއެކު ޕާޓީގެ ލީޑަރޝިޕް އިސްތިއުފާ ދޭންޖެހޭކަމަށް ބުނާ އަޑުތައް ގަދަވަގެންދިޔަނަމަވެސް މިއީ އިސްތިއުފާ ދޭންޖެހޭ ވަގުތު ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.



ބުދަ ދުވަހުގެ ރޭ ސިއްރުކޮށްގެން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހަށްފަހު ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޗެއަރޕާސަން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވާފައެވެ. މިބައްދަލުކުރުމުގައި ނޫސްވެރިން ވަނީ ދެ އިންތިޚާބަކުން އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއަކީ އެމްޑީޕީގެ ލީޑަރޝިޕްގެ ފެއިލްވުމެއްކަމަށާއި ފައްޔާޒު އިސްތިއުފާ ދޭންޖެހޭކަމަށް ބުނެ ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ޝުއޫރު ފާޅުކުރަމުންދާކަން ފާހަގަކޮށްފައެވެ. އަދި އެއާއެކު ފައްޔާޒު އިސްތިއުފާ ދެއްވަފާނެތޯ ވަނީ ސުވާލުކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ އިންތިޚާބުތަކުން ކޮންމެސް އެއްބަޔަކު މޮޅުވެ އަނެއް ބަޔަކު ބަލިވާނީކަމުގައެވެ. އެހެންކަމުން ބަލިވި ސަބަބުތައް ދެނެގަނެ ކުރިޔަށް އޮތީ ޕާޓީ ވަރުގަދަކުރުންކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ނިންމާފައިވަނީ އެމްޑީޕީ އަށް އިންތިޚާބުތައް ގެއްލިގެންދިޔަ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު އެމްޑީޕީ ކުރިޔަށް ގެންދަން ޖެހޭގޮތުގެ މަގު ޗާޓެއް އެކުލަވާލުމަށެވެ.

ފައްޔާޒު ވިދާޅުވީ މިއީ އަނެއްކާވެސް އެމްޑީޕީ ނަގާ ކޮޅަށް ޖަހަންޖެހޭ ވަގުތުކަމުގައެވެ. އަދި އެއަށްފަހު ކުރިޔަށް އޮތްތަނުގައި ލިޑަރޝިޕް ބަދަލުކުރަން މެމްބަރުން ބޭނުންވާކަމަށްވާނަމަ އެފުރުސަތު ދޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފާހަގަކޮށްލި ފަދައިން އަދިވެސް އަޅުގަނޑުމެން ހަމަ އެ ދިރާސާތައް ކުރުމަށްފަހު އަޅުގަނޑުމެންގެ ކުރިމަގު ބައްޓަންކުރާނެ ގޮތެއް އެނގިގެންދާނީ. އެއާއެކު ކުރިޔަށް އޮތް މުސްތަގުބަލުގައި އަޅުގަނޑުމެންގެ މެމްބަރުން ލީޑަރޝޕް ބަދަލުކުރަންޖެހޭކަމަށް ދެކޭކަމަށް ވަންޏާމުން އެފުރުސަތު ދޭނަން. ނަމަވެސް މިއީކީ އެވަގުތުކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއްނުކުރެވޭ. މިއީ އަނެއްކާވެސް ޕާޓީ ނަގާ ކޮޅަށް ޖަހަންޖެހޭ ވަގުތު. އެމްޑީޕީ މިގައުމުގައި އޮތުމަކީ ދިވެހި ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. އެއީ އަދި އިދިކޮޅުގައި އޮތުން ކަމުގައިވިޔަސް ސަރުކާރުގައި ކަމަށްވިޔަސް. އެހެންވީމާ އެކަމަށް އުނިވާނެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން. ދެން އިސްތިއުފާގެ ވާހަކަ ދައްކާއިރު ފާހަގަވަނީ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތައް ކަމަށް ބޮޑަށް އެކަމަށް ވަކާލާތުކުރައްވަނީ. އަދި މެމްބަރުންގެވެސް އެޝުއޫރު ހުންނާނެ. އެއީކީ މައްސަލައެއް ނޫން. ނަމަވެސް މިވަގުތު އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު

ފައްޔާޒު ވިދާޅުވީ ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތްކުރުމަށްފަހު އަންނަ އަހަރު ތެރޭގައި ކޮންގްރެސް ބާއްވާނެކަމަށެވެ. އަދި ކޮންގްރެސް ތެރޭގައި އެފަދަ ކަމަކަށް ބޭނުންވާނަމަ އެކަމަށް ފުރުސަތު އޮންނާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިމޭރުމުން ވާހަކަދައްކަވާފައިވާއިރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ފައްޔާޒު އިސްތިއުފާ ނުދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕްގައި ތިބި މީހުންނަކީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށް ފިލާނެ ބައެއް ނޫންކަމަށެވެ.

ޗެއަރޕާސަން އުސްތިއުފާ ދެއްވާ ވާހަކައިގައި އަޅުގަނޑު ޗެއަރޕާސަން އަރިހުން އެދެން އެއްވެސް ހާލެއްގައި އިސްތިއުފާ ދެއްވައިގެން ނުވާނޭ. އަޅުގަނޑުމެންނަކީ މިއަދު ލީޑަރޝިޕްގައި ތިބި މީހުންނަކީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށްފައި ފިލާނެ ބައެއް ނޫން. އަޅުގަނޑުމެން ތިބޭނީ ސާބިތުކަމާއެކީގައި އަޅުގަނޑުމެންގެ މެމްބަރުން އަޅުގަނޑުމެންނާ ހަވާލުކުރި އަމާނާތަށް ވަފާތެރިކަން މަތީގައި. އަޅުގަނޑުމެން އަދި އިރާދަކުރެއްވިއްޔާ އެމްޑީޕީ އަނބުރާ ވެރިކަމަށްވެސް ގެންނާނަން. އަދި އިރާދަކުރެއްވިއްޔާ އެމްޑީޕީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަގާތަންވެސް ރައްޔިތުންނަށް ފެނިގެންދާނެ. އަޅުގަނޑުމެން ނިކުމެ މިތިބީކީ އެއް އިންތިޚާބުން ބަލިވީމަ އުޑު ބޮލަށް ވެއްޓުނީކަމަށް ހީކޮށް ފިލާކަށް ނޫން. އަޅުގަނޑުމެން މިތިބީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ޚިދުމަތްތައް ހޯދައިދޭން ނިކަން ކެރިގެން
އަބްދުﷲ ޝާހިދު / އެމްޑީޕީގެ ރައީސް

ޝާހިދު އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ އިންތިޚާބުތަކުގައި ކާމިޔާބީއާއި ނާކާމިޔާބީ ވެސް ކުރިމަތިލާފައިވާ ޕާޓީއެއްކަމަށެވެ.



More from Raajje.mv