ރޯދަމަހުގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދެނީ

Fri, 29 Mar 2024 05:40 PM

View on this article on Raajje.mv

ރޯދަމަހުގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދެނީ

މި ރޯދަމަހުގެ ފަހު 10 އަކީ ސަރުކާރުގެ މުވައްޒަފުންނަށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް އެ ދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔާތެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.



މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ބުނެފައިވަނީ ރޯދަމަހުގެ ފަހު 10 ގެ އިނާޔަތް ދޭނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އެކަންޏެވެ.

އެ ސާކިއުލާގައި ކަނޑައަޅާފައިވާ އިނާޔަތްތައް ދޭނީ އަންނަ މަހުގެ މުސާރައާ އެކުގައެވެ. އިނާޔަތްތައް ދިން ގޮތުގެ ތަފުސީލުތައް އަންނަ މަހުގެ 18 އިގެ ކުރިން އީމެއިލުން ފޮނުވައި ދިނުމަށް މުއައްސަސާތަކުގެ ކިބައިން މިނިސްޓްރީން ވަނީ އެދިފައެވެ.

ފަހު 10 ގައި އިނާޔަތް ލިިބޭ މުވައްޒަފުންނަކީ:

- ރޯދަމަހުގެ ފަހު 10 ގައި ކޮންމެހެން ވަޒީފާ އަށް ނުކުންނަ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމަކަށް ބަދަލު ނުވާ މުވައްޒަފުންނަށް ކުރިން ވެސް ދެމުން އައި އުސޫލުން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އިނާޔަތް ދޭނެއެވެ. މުސާރަ އިން ދުވާލަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތްތައް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

- ދައުލަތުގެ ޕޭ ފްރޭމް ބަދަލުވެފައިވާ މުވައްޒަފުންނަށް، މި ރޯދަމަހުގެ ފަހު 10 އަކީ "ރަސްމީ ބަންދު ދުވަސް" ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގަނެ، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭނެއެވެ. އޭގެ ތެރޭގައި ވަޒީފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ ހ. އިން އިސްތިސްނާވާ މުވައްޒަފުން ނުހިމެނޭއެވެ.

- ޕޭ ފްރޭމް ބަދަލުވެފައިވާ މުވައްޒަފުންނަށް އެ ދުވަސްތަކުގައި އިތުރު ގަޑީގެ ފައިސާ ދިނުމުގައި "ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތައް" ގައި ހިމެނޭ "އިތުރު ގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" އަށް އަމަލުކުރަން ޖެހެއެވެ.

- ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން އެ ދުވަސްތަކުގައި މަސައްކަތަށް ނުކުންނަން ޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން، މަސައްކަތަށް ނުކުތުމުން ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "މަގާމަށް ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތުގެ މިންގަނޑު" ގެ ދަށުން ހާޒިރީ އިނާޔަތް ލިބޭނެއެވެ.

- ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން، އާންމު ހާލަތުގައި ހަފުތާގެ ތެރޭގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކުގެ ތެރެއިން މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭނެއެވެ. އެ މުވައްޒަފުންނަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ނުހިމެނޭ ގޮތަށް "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތުގެ މިންގަނޑު" ގެ ދަށުން ހާޒިރީ އިނާޔަތް ލިބޭނެއެވެ.

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.



More from Raajje.mv