އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު

Fri, 29 Mar 2024 08:52 AM

View on this article on Raajje.mv

އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު

ދިވެހި ސިފައިން ހަރަކާތްތެރިވާ އެކި ދާއިރާތަކަށް އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.



ބުރާސްފަތި ދުވަހުގެ ރޭ ކަޅުތުއްކަލާކޮށީގައި ސިފައިންނާއި ބައްދަލުކުރައްވައި މިނިސްޓަރު ޣައްސާން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ މިނިވަންކަމުގެ އިމުގައި ކޮމާންޑަރ އިން ޗީފް ދަންމަވާފައިވާ ވަރުގަދަ ރަތް ރޮނގު ބެހެލެއްޓުމަށް އެންމެ ޒަމާނީ ވަސީލަތައް ހޯދައި، ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް އެއަރ ކޯއެއް ގާއިމުވެ، ޚިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސިފައިން ހަރަކާތްތެރިވާ ދާއިރާތަކަށް އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށާއި ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޣައްސާން ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައި ކަނޑުމަގުން ސިފައިން ކުރަމުންދާ މަސައްކަތްތަކާއި، އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކުރުމާއި، އަދި ދިވެހި ރައްޔިތުންނަށްޓަކައި ސިފައިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ. އަދި ގައުމީ ޚިދުމަތުގައި ކުރިއަށްދިއުމުގައި ނަފުސަށްވުރެ ދިވެހި ގައުމު އިސްކޮށްގެން މަސައްކަތްކުރުމަށް ސިފައިންނަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މަރުހަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވެސް ވަނީ ވާހަކަދައްކަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކައިގައި، ސިފައިންގެ މުއައްސަސާ ތަރައްގީ ކުރުމަށާއި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ކޮމާންޑަރ އިން ޗީފް ކުރައްވާ މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.



More from Raajje.mv