ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރަނީ

Tue, 21 Nov 2023 12:42 AM

View on this article on Raajje.mv

ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރަނީ

ކ. ތިލަފުށީގައި ދުވާލެއްގެ މައްޗަށް ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމުގެ ކެޕޭސިޓީ އިތުރު ކުރައްވާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ތިލަފުއްޓަށް ވަޑައިގެން، އެތަން ބެއްލެވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިޤް ވިދާޅުވީ މިހާރު ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޤާއިމުކުރެވޭ އިންސިނަރޭޓަރަކީ ދުވާލަކު 500 ޓަނުގެ ކުނި އެންދޭވަރުގެ ނިޒާމެއް ކަމަށާއި އެހެން ނަމަވެސް ދުވާލަކު 1،000 ޓަނުގެ ކުނި އެންދޭ ވަރުގެ އިންސިނަރޭޓަރެއް ތިލަފުށީގައި ގާއިމުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ތިލަފުށްޓަށް ދުވާލަކު 1،000 ޓަނުގެ ކުނި ޖަމާކުރާ ކަމަށާއި، އެހެން ކަމުން 1،000 ޓަނުގެ ކުނި އެންދޭވަރުގެ އިންސިނަރޭޓާރެއް ގާއިމުކުރުމަށް އެ ރަށަށް އިތުރު 20 ހެކްޓަރުގެ ބިން ބޭނުންވާނެ ކަމަށެވެ.

އެހެން ކަމުން، މި ސަރުކާރުން ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަމަކީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ކުނީގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން އެ މަޝްރޫޢުއަކީ ކުނި އަންދައިގެން ހަކަތަ އުފައްދާ އެންމެ ބޮޑު ނިޒާމަށް ވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއަށް 150 މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ. އަދި އެ މަސައްކަތް އަންނަ އަހަރުގެ އޮގަސްޓަށް ނިންމާލުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ތިލަފުށީގައި ކުނިން ހަކަތަ އުފާދާ ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް)ގެ އެހީތެރިކަމާއި އެކުގައެވެ.More from Raajje.mv