މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ: ރައީސް

Tue, 19 Sep 2023 07:05 PM

View on this article on Raajje.mv

މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގައި އެމަނިކުފާނުގެ އެއްވެސް ބައިވެރިވެވަޑައިގަތުމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ހަވީރު ހެންވޭރުގެ ބައެއް ސަރަހައްދުތަކަށް "ޑޯ ޓު ޑޯ" އަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައެވެ. އެގޮތުން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި ވަނީ ސީދާ ރައީސް ބައިވެރިވެވަޑައިގެންކަމަށް ތުހުމަތު ކުރައްވާފައިވާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ފަށާ ގަޑި ޖެހުނުއިރު ކޯރަމް ހަމަނުވުމުުގެ ސަބަބުން އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޞާލިހު ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެމަނިކުފާނު ރައީސް ޞާލިހަށް ސިޓީފުޅެއް ފޮނުއްވި ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ވާހަކަތާ ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނަށް އެފަދަ ސިޓީއެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނަކީ ވެސް މަޖިލީހުގައި 25 އަހަރު ވަންދެން އުޅުއްވި ބޭފުޅެއްކަން ފާހަގަކުރައްވައި މަޖިލީހުގެ ކަންކަން ހިނގާގޮތް ވަރަށް ރަނގަޅަން އެނގޭކަމަށް ވިދާޅުވިއެވެ. އެހެންވެ އެކަމުގެ ތެރެއަށް އެމަނިކުފާނު ވަދެވަޑައިނުގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމީ 25 އަހަރު މަޖިލިހުގައި އުޅެފައި ހުރި މީހެއް. މަޖިލީހުގައި ކަންތައްތައް ހިނގާ ގޮތް އަޅުގަނޑަށް ވެސް ކޮންމެވެސް ވަރަކަށް އެނގޭ. އެހެންވެ މަޖިލީހުގެ ކަންކަން ހިނގާ ނުހިނގާ ގޮތާ ބެހޭގޮތުން ކަންވާގޮތް އަޅުގަނޑަށް އެނގޭ. އެހެންވީމަ އަޅުގަނޑުމެންނެއް އޭގެ ތެރެއަށް ހަމަގައިމު ވެސް ނުވަންނަން,
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ނަޝީދު ވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގައި ރައީސް ޞާލިހު ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެއްވުމުގެ އިތުރުން ދިވެހި ދައުލަތުގެ ބާރުތައް އެމަނިކުފާނުގެ އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓުވުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި މަސައްކަތްތަކަށް ހުރަސް އަޅަމުންގެންދާ ކަމަށް ނަޝީދު ތުހުމަތު ކުރައްވާފައިވާއިރު މަޖިލީހުގެ ޖަލްސާތައް މީގެ ކުރިން ވެސް ކޯރަމް ހަމަނުވެގެން އަދި އެހެނިހެން ބައެއް ސަބަބުތަކާހެދި ކުރިއަށް ނުގެންދެވި ނިންމާލަން ޖެހެއެވެ.


More from Raajje.mv