ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިތުރު 5 ފަރާތެއް ފޮނުވަނީ

Tue, 19 Sep 2023 06:16 PM

View on this article on Raajje.mv

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިތުރު 5 ފަރާތެއް ފޮނުވަނީ

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ފަސް ފަރާތެއް ފޮނުވުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ފަސް ފަރާތެއް ފޮނުވުމަން ނިންމައި، އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރުއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރު އަހުމަދު ނަސީމާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާއާއި ބޭސް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެއް އަމާޒު ކަމުގައެވެ. އަދި އެ އަމާޒަށް ވާސިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތެލެސީމިއާ އައު ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި، އެބިމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އައު އިމާރާތެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސެންޓަރު ގާއިމުވެގެންދިއުމުން ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި މި އިމާރާތުގައި ނެޝަނަލް ބްލަޑް ބޭންކްގެ ޚިދުމަތް ގާއިމުކޮށް، އެ ޚިދުމަތްވެސް ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދެވިގެން ދާނެކަމަށް ވިދާޅުވިއެވެ.

Advertisement

ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތަކީވެސް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ބައްލަވަމުންގެންދަވާ މަސައްކަތެއްކަން ފާހަގަކުރައްވައި ނަސީމް ވިދާޅުވީ، ފަރުވާގެ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެކި ގައުމުތަކުން މި ޚިދުމަތް ދެމުން ގެންދާ ގޮތް ބަލައި ދިރާސާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި މިކުރެވުނު މަސައްކަތުގެ އަލީގައި މިފަހަރު ބޯންމެރޯ ހަދަން ދާ ކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބު ކަމާއެކު ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތެލެސީމިއާއަށް ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީއަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަން ޖެހެއެވެ. އެގޮތުން ހޮސްޕިޓަލުން ދޭ އިރުޝާދުތަކަށް އެއްބާރުލުން ދީ، ބޯންމެރޯ ޓްރާންޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން އިލްތިމާސްކުރެއެވެ.

ތެލެސީމިއާއަށް 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.



More from Raajje.mv