ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް ނިންމާލައިފި

Mon, 05 Jun 2023 11:31 AM

View on this article on Raajje.mv

ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް ނިންމާލައިފި

އަރބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް ނިންމާލައިފިއެވެ.

އަރބަކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓަކީ މާލެ ޖަލު ހިންމަފުއްޓަށް ބަދަލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ.

މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ހަދައި ނިމެން ގާތްވެފައިވާއިރު، އެތަނުގައި ދަރުވަރުންނަށް ކިޔަވައިދޭން ފަށަންވާއިރަށް ޖަލު އެ ސަރަހައްދުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް އޮފީހުގެ އެދުމުގެ މަތިން އަރބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބައު އިމާރާތެކެވެ.

އާބަންކޯއިން ބުނީ އެތަނުގައި 4  ބްލޮކް ހިމެނޭ ގޮތަށް ޖަލެއް އިމާރާތްކޮށްދީފައިވާ ކަމަށެވެ. ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބެހެއްޓޭނެ ކަމަށާއި، ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނަ ބަރިއެއް އެތަނުގައި އިމާރާތް ކޮށްފައިވާ ކަމަށެވެ. އަދި މައި އިމާރާތުގެ ސްޓަރްކްޗަރ އާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

މި މަސައްކަތްތައް ނިންމާލުމަށް ފަހު މިހާރު ވާނީ އެތަން ކަރެކްޝަންސްއާ ހަވާލުކޮށްފައެވެ.

އަރބަންކޯގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެ ތަރައްގީކުރުމާއި، ހުޅުމާލެ އަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނުނުކަމުގައިވީ ނަމަވެސް މި ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުންފުނިން އަންނަނީ އާންމު މުޖުތަމައުއަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް ކޮމިއުނިޓީ ރެސްޕޮންސް ޓީމުގެ ދަށުން ކުރަމުންނެވެ. އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ ވެސް އެ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެކެވެ.



More from Raajje.mv