ލިޓަން މަރާލިކަމުގެ ތުހުމަތުވާ ނިޒާމްގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް

Mon, 05 Jun 2023 09:34 AM

View on this article on Raajje.mv

ލިޓަން މަރާލިކަމުގެ ތުހުމަތުވާ ނިޒާމްގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލައިގައި އޭނާ މަރާލި ކަމަށް ތުހުމަތު ކުރާ ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމުގެ ބަންދު މުރާޖައާ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މީގެ ކުރިން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އޭރު އޭނާ ބަންދު ކުރުމަށް ނިންމާފައިވާ ސަބަބުތަކަށް ބަދަލެއް އައިސްފައިނުވާކަމަށް ދައުލަތުގެ ވަކީލު މި އަޑުއެހުމުގައި ވިދާޅުވިއެވެ.

މިއީ ޖިނާއީ ބޮޑު މައްސަލައަކަށްވެފައި، އޭނާ މި މައްސަލައިގައި ފިލައިގެންވެސް އުޅެފައިވާތީ ދައުލަތުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުން ދެމެހެއްޓުމަށް އެދިފައެވެ.

ދައުލަތުން ވަނީ އޭނާ ރިމާންޑު ޖަލަކަށް ބަދަލު ކޮށްދިނުމަށް އެދިފައެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަމުން ނިޒާމް ބުނީ، އޭނާގެ ހުޅުތަކުގައި މައްސަލަތަކެއް ހުރި ކަމަށާއި، އޭނާއަކީ އެހެން މައްސަލައެއްގައި ޙުކުމެއް ކޮށްފައިވާ މީހެއް ކަމަށެވެ. އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް މި އަޑުއެހުމުގައި އޭނާ ބުންޏެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާގެ މައްޗަށް އިތުރު މައްސަލައެއްގެ ޙުކުމެއް އޮތްތޯ ދައުލަތުން އިތުރަށް ޗެކްކޮށްލާނެކަމަށެވެ. ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަަބަބުން މިވަގުތު އެކަން ކަށަވަރު ކޮށްލެވެން ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ގާޒީ ވަނީ ލިޓަންގެ ބަންދު ދަމަހައްޓަވަން ނިންމަވާފައެވެ. އަދި ވީހާވެސް އަވަހަށް އޭނާ ރިމާންޑު ޖަލަކަށް ބަދަލު ކުރުމަށް ވަނީ އަންގަވާފައެވެ.

މި މައްސަލައިގައި ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި، އެހެން ހެކިތަކުން އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވެއެވެ. އަދި ނިޒާމް ކުރި ކަމަކީ މީހަކު މަރުވެދާނެ ފަދަ ކަމެއް ކަމަށާއި، އެއީ އެނޫން ނަތީޖާއެއް ނުނިކުންނާނެ ކަމެއްކަން ދައުލަތުން ކޯޓުގައި ސާބިތުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ލިޓަން އާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ހުޅުލެ ނެރު ކައިރިން ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ފެނިފައެވެ.

ނިޒާމް ވެސް ގެއްލިފައިވާކަމަށް ބުނެ ފުލުހުން އޭނާ އާއި ލިޓަން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ގެއްލުނުތާ ތިން ދުވަސް ފަހުން ނިޒާމް ވަނީ ފެނިފައެވެ. އޭނާ މާލެއިން ފެނިގެން ފުލުހުން ވަނީ ޖެނުއަރީ 3ގައި އޭނާ ހައްޔަރުކޮށްފައެވެ.



More from Raajje.mv