ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެ ހިސޯރުކޮށް, ޕާޓީގެ މުދަލަށް ވަނީ ގެއްލުންދީފައި: އެމްޑީޕީ

Mon, 29 May 2023 09:13 PM

View on this article on Raajje.mv

ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެ ހިސޯރުކޮށް, ޕާޓީގެ މުދަލަށް ވަނީ ގެއްލުންދީފައި: އެމްޑީޕީ

އެމްޑީޕީން މާލޭގައި ހިންގަމުން އަންނަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ މި ޕާޓީގެ މުދާތަކަށް ގެއްލުންދީ, ހަރުގެ ހިސޯރުކުރި ކުރުން އެޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ، އެ ޕާޓީން ބޭނުންކުރަމުން އަންނަ ހަރުގެއަކީ، އެ ގޭގެ ވެރިފަރާތާއެކު ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން، ގަވާއިދުން ކުލި ދައްކައި، އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއްކަމަށެވެ.

ހަރުގޭގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެކަމަށް ވަނީ އެއްބަސްވެވިފައެވެ. ނަމަވެސް, އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ، މި ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, ޕާޓީގެ މުދަލަށް ގެއްލުންދީފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ ޕާޓީން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވެސް އެދިފައިވަނީ ވެރިފަރާތުގައިވެސް އެދިފައިވާ ފަދައިން، ޕާޓީން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި، ޖުލައި 31ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ވަކާލާތުކުރާ އަދި ތަރުހީބު ދޭ ޕާޓީއެކެވެ. ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު، ފިނޑި އަމަލެއްކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ. އަދި މި ގާނޫނާ ހިލާފު, ނާތަހުޒީބު, ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ ޕާޓީގެ ފަރާތުން ހުށަހަޅާނެކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އާރޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީ ހަރުގެ ހިންގަމުން އައި ބިމަކީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އެމްޑީޕީގެ އެތެރޭގައި އުފެދިގެން އުޅޭ ކޯޅުމުގެ ތެރޭގައި ޝަފިއްޔާ ހުންނެވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައެވެ. ހަރުގެ ޑިމޮކްރަޓްސްއިން ބޭނުންކުރަން ފެށުމުގެ ކުރިން ހަރުގެ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ޝަފިއްޔާ ބުނީ، ހަރުގެ ހުސްކުރަން އެމްޑީޕީއަށް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އަންގާފައިވާނެކަމަށެވެ. އަދި އެމުއްދަތުގައި އެތަން ހުސްނުކޮށްފިނަމަ އޭގެ ފަހުން ތަނުގައި ހުރި މުދަލަކީ ޝަފިއްޔާގެ ތަކެތިކަމަށް ބަލާނެކަމަށްވެސް އެމްޑީޕީއަށް އަންގާފައިވާނެކަމަށް ޝަފިއްޔާ ބުންޏެވެ.



More from Raajje.mv