އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް އަރުވައި ކެމްޕޭން ފަށައިފި

Fri, 26 May 2023 10:53 PM

View on this article on Raajje.mv

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް އަރުވައި ކެމްޕޭން ފަށައިފި

ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަށް ރަސްމީކޮށް އަރުވައި, ރިޔާސީ އިންތިހާބުގެ ކެމްޕޭން ފަށައިފިއެވެ.

ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ އެކަމަށްޓަކާ އަރޓިފިޝަލް ބީޗުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ. ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީން ހުޅުވާލުމުން އެ ކަމަށް ކުރިމަތިލެއްވީ ނާޒިމް އެކަންޏެވެ. އެހެންކަމުން އޭނާއަށް ވަނީ ޓިކެޓް ލިބިވަޑައިގެންފައެވެ.  އެމްއެންޕީގެ ރިޔާސީ ޓިކެޓް އެރުވުމުގެ ގޮތުން ނާޒިމަށް ވަނީ ބޮޑުތަކުރުފާނުގެ އައްޑަނަކޮޅުގެ ރަމްޒެއް އަރުވާފައެވެ.

ނާޒިމްގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ލޯންޗްކޮށްފައިވާ އިރު، ކެމްޕޭން ލޯގޯއާއި، ޝިޢާރުކަމުގައިވާ "އުޖާލާ ޒަމާން" އަދި ކެމްޕޭންގެ ރަސްމީ ލަވަ މި ޖަލްސާގައި ވަނީ އިފްތިތާހުކޮށްފައެވެ.

ރާއްޖޭގެ އެކިކަންކޮޅުންތަކުގައި ތިބި އެމްއެންޕީގެ މެންބަރުން ވަނީ މިރޭގެ ޖަލްސާ އަށް މާލެ އައިސްފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއެންޕީން ނާޒިމް ވާދަކުރައްވާއިރު ޖުމްހޫރީ ޕާޓީން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވައެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމާފައިވެއެވެ. އިދިކޮޅު މައި ކޯލިޝަންގެ ޓިކެޓް އަރުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ނަމަވެސް ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އިންތިހާބުގައި ވާދަކުރެއްވުމާމެދު ސުވާލު ވަނީ އުފެދިފައެވެ. އަދި އެ ޕާޓީން އޮތީ ގޮތްދޫކޮށް ޓިކެޓް އެހެން މީހަކަށް ދޭން އެއްބަސްވާ ގޮތަކަށްނޫނެވެ.



More from Raajje.mv