ސިއްހީ ދާއިރާގެ މުސާރައާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ސަރުކާރު

Fri, 26 May 2023 02:38 PM

View on this article on Raajje.mv

ސިއްހީ ދާއިރާގެ މުސާރައާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ސަރުކާރު

ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސިއްހީ ދައިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން ދައިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، ކަންބޮޑުވުންތަކުގެ އަޑު ސަރުކާރުން އަހާނެ ކަމަށެވެ. މިދާއިރާއަކީ ވަރަށް ގިނަ ގިންތިތައް ހިމެނޭ ދާއިރާއެއް ކަމަށާއި، މުސާރައަށް އައި ބަދަލާއެކު، ފުރަތަމަ މަރުހަލާގައި ވެސް ހުރި މައްސަލަތައް ދެނެގަނެވިފައިވާކަން މިއުވާން ފާހަގަކުރެއްވިއެވެ.

މިއުވާން ވިދާޅުވީ މުސާރައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ސަރުކާރަށް ލިބިފައިވާ ކަމަށާއި، އެކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހައްލުކޮށްދެއްވާނެ ކަމަށެވެ. މިއުވާން ވިދާޅުވީ މިސަރުކާރާކީ މުވައްޒަފުންނަށް އެންމެ ފައިދާ ގޮތަށް ކަންކަން ކުރަމުންދާ ސަރުކާރު ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް އަމަލުކުރާނެ ކަމަށެވެ. އަދި ވަކި ގޮތަކަށް ކަމެއް ނިންމުމުން އެކަމެއްގައި ހިފަހައްޓައިގެން މިސަރުކާރު ނުތިބޭނެ ކަމަށާއި، ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ބަދަލުތައް ގެންނާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ މުސާރައަށްށާއި، ސިއްހީ ދާއިރާގެ އޮނިގަނޑަށް މިގެނެވުނު ބަދަލުތަކާއި ގުޅިގެން އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބައެއް ކަންބޮޑުވުންތައް އެބަހުރި. ދެން މީގެ ތެރޭގައި ހުރި ބައެއް ކަންބޮޑުވުންތައް ރައީސް އޮފީހާއި ހިއްސާކުރައްވާފައިވޭ. އެމައުލޫމާތު ސަރުކާރަށް ވަނީ ލިބިފައި. އެބޭފުޅުންގެ ފަރާތުން ވެސް ކަމާގުޅުން ހުރި ދާއިރާތަކުން ވެސް ލިބިފައިވޭ. ސިއްހީ ދާއިރާގެ ކަންބޮޑުވުންތަކުގެ ތަފްސީލް މިދިޔަ ހަފްތާގައި ރައީސްއާ ބައްދަލުކޮށް އެބޭފުޅުން ހިއްސާކޮށްފައިވޭ. އޭގެ ތެރޭގައި ސިއްހީ ދާއިރާގެ އެކިއެކި ރޭންކްތަކުގައި މަސައްކަތް ކުރައްވާ އެކި ގިންތިތަކުގައި ހިމެނޭ ބޭފުޅުން ހިމެނޭ ގޮތުން ބައެއް ބޭފުޅުން ރައީސް އޮފީހަށް ވަޑައިގެން ރައީސްއާ ބައްދަލުކުރެއްވި. ސީދީ އެބޭފުޅުންގެ ހުރި ކަންބޮޑުވުމަކީ ކޮބައިތޯ ރައީސް ސާފުކުރެއްވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

މިއުވާން ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު މިހާރު ރައީސް އޮފީހުގެ ޕޮލިސީ އޮފީހާއި ފިނޭންސް މިނިސްޓްރީ އަދި ޕޭ ކޮމިޝަނުން އެމައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން، ސިއްހީ ދާއިރާ ހިމެނޭހެން ތިން ދާއިރާގެ މުސާރަ ވަނީ ބަދަލުކޮށްފައެވެ. އޭގެތެރޭގައި ތައުލީމީ ދާޢިރާއާއި މަތީ ތައުލީމުގެ ދާއިރާ ހިމެނެއެވެ. އެގޮތުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިހާރު އަހަރަކު 1 ބިލިއަން ރުފިޔާ ހޭދަވާނެއެވެ. މީގެއިތުރުން، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސްވެސް މިހާރު ވަނީ ބޮޑުކޮށްފައެވެ.

ސަރުކާރުން މަސައްކަތްކުރަމުން ދަނީ ނޭޝަނަލް ޕޭ ފްރޭމްވަރކާއެކު އެކި ދާއިރާތަކުގައި ހުރި މުސާރައިގެ ފަރަގު ނައްތާލުމަށެވެ. މީގެ އިތުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން، ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ލިބޭނެފަދަ ގޮތަކަށް ފްރޭމްވަރކް އެކުލަވާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ނަމަވެސް ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން އިތުރު ގަޑި ލިމިޓް ކުރުމާއި ބަންދު ދުވަސްތަކުގެ އަދަދު މަދުކުރުން ފަދަ ބަދަލާއިއެކު ސިއްހީ ހިދުމަތްތެރިންގެ އާމްދަނީއަށް ހެޔޮ ބަދަލެއް ނާންނަ ކަމަށް ސިއްހީ ދައިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.



More from Raajje.mv