މަސްތުގެ ހާލަތުގައި ސަލާންޖަހާ މީހުންނަށް ފަރުވާ ދެނީ

Sat, 25 Mar 2023 11:47 AM

View on this article on Raajje.mv

މަސްތުގެ ހާލަތުގައި ސަލާންޖަހާ މީހުންނަށް ފަރުވާ ދެނީ

މާލެސިޓީގެ އެކިއެކި ސަރަހައްދުތަކުގައި މަސްތުގެ ހާލަތުގައި ސަލާންޖަހަމުންދާ މިހުން ދެނެގަނެ، އެމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ބުނެފިއެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ފަރުވާދީ، އެމީހުން މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ދަނީ އެކިލެވަލްގައި މަސައްކަތް ކުރަމުންނެވެ. މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި އެޖެންސީގެ ޗެއަރމަން އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފް ވިދާޅުވީ އެކި މުއައްސަސާތަކުގެ އެހީތެރިކަމާއެކު، މަސްތުގެ ހާލަތުގައި ސަލާންޖަހާ ބައެއް އަންހެނުންނާއި ފިރިހެނުން ހޯދައި، އެމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ގޮތަށް އަމަލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގައި ޖެހިފައިވާ ކުޑަކުދިންނަށް ވެސް މަރުކަޒުތަކުން ފަރުވާ ދެމުންދާކަން ފާހަގަކުރައްވައި ޝަމާއު ވިދާޅުވީ މަސްތުވާތަކެތީގައި ޖެހިފައި ތިބި މީހުން ރަނގަޅުކުރުމަށް ބޭނުން ކުރަމުންދަނީ ދުނިޔޭގެ ފެންވަރުގައި ވެސް ބޭނުންކުރާ ބޭސްތައް ކަމަށެވެ. ޝަމާއު ވިދާޅުވީ ފަރުވާ ޚިދުމަތް ވަރަށް ބޮޑަށް ފުޅާކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ފަރުވާގެ އިތުރުން އެހެންމީހުންގެ އެހީތެރިކަމާއި، އާއިލީ ލޯބި ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ޝަމާއު ވިދާޅުވީ ފަރުވާ ހޯދަމުން އަންނަ ބައެއް މީހުންނަކީ ސިއްހީ އެހެނިހެން މައްސަލަތައް ވެސް ކުރިމަތިވެފައިވާ މީހުންނަށް ވާތީ، އެބަލިތަކަށް ވެސް ފަރުވާ ދެމުންދާ ކަމަށެވެ.

މަސްތުގެ ހާލަތުގައި ސަލާން ޖަހަމުންދާ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، 2022 ވަނަ އަހަރު ފަރުވާ ފުރިހަމަ ކުރުމަށްފަހު، 200 އަށްވުރެ ގިނަ މީހުން މުޖުތަމައަށް ނެރެފައިވާ ކަމަށް އެންޑީއޭއިން ބުނެއެވެ.

މަސްތުގެ ހާލަތުގައި މާލެސިޓީގެ އެކިއެކި މަގުތަކާއި، މައިޒާންތަކުގައި ބައެއް މީހުން ނިދާފައި ތިބެއެވެ. އަދި ބައެއް މީހުން މާރުކޭޓު ސަރަހައްދާއި، ބޮޑެތި ފިހާރަތަކާއި، ރެސްޓޯރަންޓް ތަކުގެ ދޮރުމަތީގައި ވެސް ސަލާންޖެހުމަށް ތިބެއެވެ.



More from Raajje.mv