ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުން: އިތުރު މީހަކު ހައްޔަރުކޮށްފި

Sat, 25 Mar 2023 11:42 AM

View on this article on Raajje.mv

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުން: އިތުރު މީހަކު ހައްޔަރުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ކޯލިޝަނުގެ މުޒާހަރާގެ ބައިވެރިން ހުރަސް އެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ރައީސް ޞާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހުކުރު ދުވަހު ހަވީރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ އިދިކޮޅުގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު އައްބާސް އެވެ.

ރައީސްގެ މޮޓޯކޭޑު ހުއްޓުވައި، ހުރަސް އަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލެއްވުމަށްފަހު ރައީސް ވަޑައިގަންނަވަަނިކޮށެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނުގެ މޮޓޯކޭޑު ދަތުރުކުރަނިކޮށް އެ ސަރަހައްދުގައި އޭރު މުޒާހަރާކުރަން ތިބި މީހުން އެމަނިކުފާނުގެ ކާރުކޮޅު ހުއްޓުވައި ހުރަސްއެޅިއެވެ.

Advertisement

ވީޑިއޯތަކުން ފެންނަގޮތުގައި އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއަޅާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޗީބޯ ރެސްޓޯރެންޓާ އަރައި ހަމަވިހިސާބުންނެވެ. އެމަނިކުފާނަށް އެ ސަރަހައްދުން ދަތުރުނުކުރެއްވިގެން މޮޓޯކޭޑު އަނބުރާލަން ޖެހުނެވެ.

އެ މައްސަލައިގައި ފުލުހުން ހަމަ އެ ރޭ ހަތަރު މީހަކު ހައްޔަރުކުރިއެވެ. އެ ހަތަރު މީހުންގެ ތެރެއިން ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާއިރު ބާކީ ދެ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހައިދީފައެވެ. ހޯމަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވަނީ އަންހެނަކާއި ތިން ފިރިހެނުންނެވެ.



More from Raajje.mv