ކެންދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުން ގާއިމުވެތިބެ ޚިދުމަތް ފަށައިފި

Wed, 16 Oct 2024 05:58 PM

View on this article on PSM News

ކެންދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުން ގާއިމުވެތިބެ ޚިދުމަތް ފަށައިފި

ބ. ކެންދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުން ގާއިމުވެތިބެ ޚިދުމަތްދޭން ފަށައިފިއެވެ.

ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލްގެ ރައީސް އިބްރާހީމް ޢަބްދުއްރަަޙްމާންއެވެ.

ކެންދޫގައި ޕޮލިސް ޑެސްކެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް ދޭން ފެށީ 6 މެއި 2016ގައެވެ.

ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްކެވި ވާހަކައިގައި ވިދާޅުވީ ކެންދުއަކީ ކުށްމަދު އަމާން މުޖުތަމައެއް އޮންނަ އިޖުތިމާއީ ގުޅުން ބަދަހި ރަށެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު ގައުމަކަށް މި ގައުމު ވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުވުން މުހިންމުވަނީ، މުޖުތަމައުގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި، އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް، ގާނޫނު ތަންފީޒުކުރުމުގެ އިތުރުން ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި، އިޚުތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

"މިއަދު މި ހުޅުވޭ ފުލުހުންގެ މަރުކަޒަކީ މިހުރިހާ ކަމެއް ޔަގީން ކުރުމަށް ހުޅުވޭ ދޮރާއްޓެއް. މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ ކުށްވިޔަ ނުދިނުމަށް މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުން. އަދި ކުށް ފާޅުވުމުގެ ކުރިން، ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރުމާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާތަން މިރަށުން ފެނިގެން ދިއުން." ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީންނާއި ގާނޫނުތަކުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތަކާ ތަމްރީނުތައް ހޯދައިދިނުމަކީ އަމާޒެއް ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. މިކަމަށްޓަަކައި ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާއި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ދެއްވާ ޚާއްސަ ސަމާލުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.

ކެންދޫ ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަވަނީ ނަގާފައެވެ.

ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ބ. އަތޮޅު ކައުންސިލު ރައީސް އަޙްމަދު އަފްރާޙް އަދި ކެންދޫ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވެވަޑައިގެންނެވިއެވެ.





More from PSM News