މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ދިފާޢީ ވަޒީރު

Wed, 16 Oct 2024 07:18 PM

View on this article on PSM News

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ދިފާޢީ ވަޒީރު

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވުމުންނެވެ.

ފިލިޕީންސްގެ މެނީލާގައި ކުރިއަށްދާ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ދެނެގަނެ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ކާރިސާގެ ނުރައްކާ ކުޑަކުރުމުގެ ޤައުމީ އިސްތިރާޖީ ޕްލޭން 2024 އިން 2030 އަންނަ މަހު ތަސްދީޤުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މިކަމުން ދޭހަކޮށްދެނީ ކެރިފޯރުންތެރިކަން އިތުރުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު ކުޑަކުރުމަށް މިސަރުކާރުން ކުރައްވާ މަސައްކަތް ކަމަށް ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އދ.ން ފަށާފައިވާ 'އާރލީ ވޯނިންގ ފޯ އޯލް' އިނީޝިއޭޓިވްގައި ބައިވެރިވާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭތީ ފަޚުރުވެރިވެވަޑައިގަންނަވާކަމަށެވެ. އަދި މި ކެމްޕޭންގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ޤައުމީ ރޯޑްމެޕެއް އެކުލަވާލައި ފާސްކުރި ފުރަތަމަ ޤައުމުތަކުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ނިމިދިޔަ ސަރުކާރުތަކުން ރަށްރަށުގެ މުޖުތަމަޢުތަކުގެ ކެރިފޯރުންތެރިކަން އިތުރުކުރުމަށް ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވީ ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި ހޭނުމަށް އެކަށީގެންވާ ފައިސާ ހޯދުމަކީ އަދިވެސް އޮތް ގޮންޖެހުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ ވަގުތުން ކުރިމަތިވާ އަދި ބޮޑެތި ނުރައްކާތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި ކެރިފޯރުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމުގައި އެއްވެސް ޤައުމެއް، ކުޑަޔަސް ބޮޑަސް، ފަހަތަށް ނުޖެހި ކުރިއަށް ދިއުމަށްޓަކައި ގޮންޖެހުންތަކުން އަރައިގަތުމަށް އެކުގައި މަސައްކަތްކޮށް އެކަކު އަނެކަކަށް އެހީތެރިވުމަކީ އެންމެންގެ ޒިންމާއެއްކަމަށްވެސް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދިވެހިރާއްޖޭން އަޅާ ފިޔަވަޅުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅާ ފިޔަވަޅުތަކުގެ ހާމަކަން އިތުރުކޮށް، އެކަންކަން ބެލެހެއްޓުން ހަރުދަނާކުރުމެވެ. އަދި މިއާއެކު މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން އަޅާ ފިޔަވަޅުތައް ބައިނަލްއަޤުވާމީ މުޖުތަމަޢުތަކަށް ރިޕޯޓުކުރާ މިންވަރު އިތުރުވާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ





More from PSM News