ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓްކުރާ ބައެއް މުދަލުން ނަގާ ޓެރިފް ކަނޑާލުމަށް ހުށަހަޅައިފި

Thu, 25 Apr 2024 11:22 PM

View on this article on PSM News

ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓްކުރާ ބައެއް މުދަލުން ނަގާ ޓެރިފް ކަނޑާލުމަށް ހުށަހަޅައިފި

ތުރުކީއާއި ރާއްޖެއާ ދެމެދު ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެއިން ބޭރުކުރާ 214 ބާވަތެއްގެ މުދަލުން ޓެރިފް ކަނޑާލުމަށް ދިވެހި ސަރުކާރުން ތުރުކީ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.

މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވަނީ ރާއްޖެއާއި ތުރުކީއާއި ދެމެދު އިޤްތިޞާދާއި ވިޔަފާރިއާއި ގުޅުންހުރި ދާއިރާތަކުން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން މިއަދު ބާއްވާފައެވެ.

އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންނާއި ތުރުކީ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި މުހިންމު ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތައް ތުރުކާއަށް އެތެރެކޮށް ވިއްކުމުގައި ލުއިގޮތްތަކެއް ހޯދޭނެ މަގުތަކާ ގުޅޭގޮތުން ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން ތުރުކީއަށް ރާއްޖެއިން މުދާ އެތެރެކުރުމުގެ އިންތިޒާމްތައް ފަސޭހަކޮށް، އެއްވެސް ޓެރިފަކާއި ނުލާ މުދާ އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމަށް ރާއްޖެއިން އެދިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއިން އެކްސްޕޯޓްކުރާ 214 ބާވަތަކުން ޓެރިފް ކަނޑާލުމަށް ހުށަހަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓެރިފް ކަނޑާލުމާއި ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި އިތުރަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވީ ތުރުކީއަށެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާތައް އަދި އިޖުތިމާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ވަނީ ޤާއިމުކޮށްފައެވެ.





More from PSM News