އެހެން ސަގާފަތްތައް އެނގޭނީ އެމީހެއްގެ އަމިއްލަ ސަގާފަތް ދޭހަވާ މިންވަރަކުން: ވަޒީރު ޢާދަމް ނަސީރު

Sun, 05 May 2024 05:15 PM

View on this article on PSM News

އެހެން ސަގާފަތްތައް އެނގޭނީ އެމީހެއްގެ އަމިއްލަ ސަގާފަތް ދޭހަވާ މިންވަރަކުން: ވަޒީރު ޢާދަމް ނަސީރު

އެހެން ޤައުމުތަކުގެ ސަގާފަތާއި ކަންކަން ދަސްކުރަން ބޭނުންވާނަމަ ފުރަތަމަ އިސްކަންދޭންވީ އަމިއްލަ ސަގާފަތް ދަސްކުރަންކަމަށް ދިވެހިބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިލާ ކޮލެޖުން ބޭއްވި މަލްޓި ކަލްޗަރަލް ނައިޓް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ވިލާ ކޮލެޖުގެ އެ ޙަފްލާގައި ދަރިވަރުންނާ މުޚާތަބުކުރައްވައި ވަޒީރު ވިދާޅުވީ އެހެން ބައެއް ސަގާފަތް ދިރާސާކޮށް ދަސްކުރަން ބޭނުންނަމަ ފުރަތަމަ ކަމަކީ ތިމާގެ އަމިއްލަ ސަގާފަތް ދަސްކުރުން ކަމަށެވެ. އަދި އެހެން ސަގާފަތްތައް އެނގޭނީ ތިމާގެ އަމިއްލަ ސަގާފަތް ދޭހަވެ، އޭގެ މާނަ ހިތަށް ތިލަވި މިންވަރަކަށް ކަމަށެވެ.

"ތިމާގެ ސަގާފަތާއި އެއާ ގުޅިފައިވާ ތަރިކަތައް ނޭނގޭކަމަށްވަންޏާ ދިމާވެދާނެ އެއް ކަމަކީ ބައެއް ސަގާފަތްތައް މާ ރީތިވެގެން، ތިމާގެ އަސްލުން ގެއްލިގެން އޭގެ އޮއިގައި ޖެހިގެންދިއުން. އަނެއް ގޮތަކީ ބައެއް ސަގާފަތްދެކެ ނުރުހުންވެ ޢިލްމީ ނަރަޒަރަކުން އެއަށް ބަލަން ނޭނގުން. މި ދެ ގޮތްވެސް ގޯސް." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ސަގާފަތް އުފެދެނީ ބަޔެއްގެ ރިއުޅުމުގައި ހުންނަ ކަންކަމުގެ ތެރެއިން ކަމަށެވެ. އަދި ސަގާފަތްތައް ތަފާތު ވަނީ ބަޔެއްގެ ދިރިއުޅުމުގައި ހިމެނޭ ތަފާތު އަސާސްތަކާއި ތަފާތު ބަހާތަކުގެ ސަބަބުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަގާފަތުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސަގާފަތެއް އެކުލެވިގެންވަނީ މައިގަނޑު 3 ބައެއްގެ މައްޗަށް. އެއީ، އެބައެއްގެ އެކުވި ހަނދާންތައް، އެބަޔަކު ދުނިޔެ ދެކޭ ގޮތް، އެދެކޭ ގޮތެއްގެ މައްޗަށް އެބަޔަކު އުޅޭ އުޅުން" ވަޒީރު އިތުރަށް ވިދާޅުވިއެވެ.

މި ޙަފްލާގައި ވަޒީރު ވަނީ ދިވެހީންގެ މުއްސަނދި ސަގާފަތް ދިރާސާކޮށް އެއާއެކު އުޅޭ ބަޔަކަށް ދަރިވަރުންވުމަށް އިލްތިމާސް ކުރައްވާފައެވެ.

ވިލާ ކޮލެޖްގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް އިން ކުރިއަށް ގެންދިޔަ "މަލްޓި ކަލްޗަރަލް ނައިޓް" ގައި ތަފާތު 11 ޤައުމެއްގެ ސަގާފަތްތައް ދައްކާލާފައިވެއެވެ.





More from PSM News