ޓްރޭޑްމާކާއި ގުޅޭގޮތުން ސަރުކާރު އިދާރާތަކުގެ މުވައްޒަފުން ތަމްރީނު ކުރަނީ

Sun, 05 May 2024 03:42 PM

View on this article on PSM News

ޓްރޭޑްމާކާއި ގުޅޭގޮތުން ސަރުކާރު އިދާރާތަކުގެ މުވައްޒަފުން ތަމްރީނު ކުރަނީ

ފިކުރީ މުދަލާ ގުޅޭ ހައްޤުތައް ރައްކާތެރިކުރުމަށް ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނު ކުރުމަށާއި ސަރުކާރުން އެކުލަވާލާ ޓްރޭޑްމާކް ބިލާ ގުޅޭގޮތުން ދާއިރާގެ ތަޖުރިބާކާރުންނާއެކު މަޝްވަރާކުރުމަށް ސެމިނާއެއް ފަށައިފިއެވެ.

މި ސެމިނާއަކީ، ޔުނައިޑެޓް ސްޓޭޓްސް ޕޭޓަންޓް އެންޑް ޓްރޭޑްމާރކް އޮފީސް (ޔޫ.އެސް.ޕީ.ޓީ.އޯ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގުޅިގެން ބާއްވާ ސެމިނާއެކެވެ. މި ސެމިނާ ކުރިއަށް ގެންދާނީ މިމަހުގެ 5 އިން 6 މޯލްޑިވްސް ކަސްޓަމްސް ސާވިސްގައެވެ.

މި ސެމިނާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒު ވިދާޅުވީ، ރާއްޖޭގައި ކްރިއޭޓަރ އިކޮނޮމީއެއް ޤާއިމް ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށެވެ. އަދި މިހާރު ގިނަ ދިވެހި ޒުވާނުން އަމިއްލަ އުފެއްދުންތައް ނެރޭ ކަމަށާއި، ނަމަވެސް އޭގެއިން އިޤްތިޞާދީ ބޭނުމެއް ޤާނޫނީ ރައްކާތެރިކަން ނެތުމުގެ ސަބަބުން ނުކުރޭ ކަމަށް ވިދާޅުވިއެވެ.

މި ސެމިނާގެ ބޭނުމަކީ ޓްރޭޑްމަރކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީން ކުރުމާއި، އަދި މިހާރު އެކުލަވާލައި މަޖްލީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ޓްރޭޑްމާރކާއި ބެހޭ ބިލާމެދު ކަމުގެ މާހިރުންނާއެކު ހިޔާލުބަދަލުކޮށް މަޝްވަރާކުރުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގައި ބަލަންޖެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން ޕްރޮސެސް ހިނގާގޮތާއި، ރަޖިސްޓްރީކުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ސެމިނާގެ ބައިވެރިންނަށް މައުލޫމާތް ދޭނެއެވެ.

މި ސެމިނާގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މޯލްޑިވްސް ކަސްޓަމްސް ސާރވިސް، އެޓާނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ޔޫތް، މޯލްޑިވްސް ޕޮލިސް ސާރވިސް، ބާ ކައުންސިލް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މުވައްޒިފުން ބައިވެރިވިއެވެ.

ވިޔަފާރިތަކަށް އެންމެ ފުރިހަމަ ގޮތުގައި ފިކުރީމުދަލުގެ ނަފާ ލިބޭނެގޮތް ހޯދައިދީ، ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަށް ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އިތުބާރު ހޯދައިދިނުމަށްޓަކައި ފިކުރީމުދާ ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ ސަރުކަރުން ހާއްސާ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނު އިސްލާހުކުރުމަށް މިހާރުވަނީ މަޖިލީހަށް ފޮނުވާފައެވެ.

މީގެ އިތުރުން މިއަހަރުތެރޭ ޓްރޭޑް މާކާއި ބެހޭ ބިލް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި އެ ވުޒާރާއިން މިހާރު ޕޭޓަންޓައި ބެހޭ ބިލަކާއި، ޖޯގްރަފިކަލް އިންޑިކޭޝަންސް އާއި ބެލޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަދަބީ އަދި ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންކުރާ މަސައްކަތަށް ރޯޔަލްޓީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަލެކްޓިވް މެނޭޖްމަންޓް އޯގަނައިޒޭޝަންއެއް އުދެއްދުމަށް މަސައްކަތްކުރާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.





More from PSM News