ވީއޭއެމްގެ އެކްސްކޯއަށް އައްޔަނުކުރި ތިންވަނަ އަންހެން މެމްބަރަކަށް މޫމިނާ

Wed, 24 Apr 2024 02:02 PM

View on this article on PSM News

ވީއޭއެމްގެ އެކްސްކޯއަށް އައްޔަނުކުރި ތިންވަނަ އަންހެން މެމްބަރަކަށް މޫމިނާ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އެގްޒެގެޓިވް ކޮމިޓީގެ މެމްބަރަކަށް މުއުމިނާ ސަލީމް (މޫންޓީ) އައްޔަނުކޮށްފިއެވެ.

ވީއޭއެމްގެ އެކްސްކޯއަށް މުއުމިނާ އައްޔަނުކޮށްފައިވަނީ ރޭ ބޭއްވި އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެމްބަރު ކުލަބުތަކެއްގެ އިއްތިފާގުންނެވެ.

އެގޮތުން މި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ 9 ކުލަބެއް ބައިވެރިވެފައެވެ. ބައިވެރިނުވާ ހަމައެކަނި ކުލަބަކީ ގުޑީޒް ސްޕޯޓްސް ކުލަބެވެ. މުއުމިނާ ހަމަޖައްސާފައިވަނީ އެކްސްކޯ މެމްބަރަކަށެވެ. ކުރިން އެ މަޤާމުގައި ހުރީ މުހައްމަދު ސާޖިދު (ބޮޑު ކާއްޓޭ) އެވެ. އޭނާ ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެކްސްކޯގެ އެހެން މަޤާމަކަށް އައްޔަނުކޮށްފައެވެ.

އެކްސްކޯއަށް އަލަށް އައްޔަނުކުރި މުއުމިނާ އަކީ މީޑިއާގެ ދާއިރާގައި ފާހަގަކޮށްލެވޭ މޫނެކެވެ. މީޑިއާގެ އިތުރުން އެކި އިޖުތިމާއީ ކަންކަމުގައިވެސް މުއުމިނާ ފާހަގަކޮށްލެވެއެވެ.

ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަވަމުން ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ އެކްސްކޯގައި މިހާރުވެސް އެކި ދާއިރާތަކުގެ މީހުން ހިމެނޭކަމަށާ އަންހެނުން ބާރުވެރިކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން މުއުމިނާ އާއެކު މިހާރު އެކްސްކޯގައި އަންހެން ތިން މެމްބަރުން ހިމެނޭ ކަމަށާއި ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ (އެފްއައިވީބީ) އިންވެސް އަންހެނުން މަޤާމުތަކަށް އައްޔަނުކުރަން ބާރުއަޅާ ކަމަށެވެ.

މީގެއިތުރުން ކުޅިވަރުގެ ކަންކަމުގައި އަންހެނުން އިސްނެގުމަށް ގޮވާލާ ކަމަށާއި ވީއޭއެމުން އަބަދުވެސް އެ ފުރުސަތު އަންހެން ކަނބަލުންނަށް ހުޅުވާލާ ކަމަށް ލަތީފް ވިދާޅުވިއެވެ.





More from PSM News