ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބަކަށް ވާންޖެހޭ: ޑރ. ޙައިދަރު

Mon, 06 May 2024 10:38 AM

View on this article on PSM News

ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބަކަށް ވާންޖެހޭ: ޑރ. ޙައިދަރު

ފަލަސްތީނުގެ ދިފާއުގައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ވާޖިބަކަށް ވާން ޖެހޭ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ފަލަސްތީނުގެ ދިފާއުގައި އދ. އާންމު މަޖިލީހުގައި ދިވެހި ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނަށް ތަރުިހީބުދެއްވައި ގުޅިގެން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގައި ވަޒީރަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަރާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އދ. ގެ އާންމު މަޖިލީހުގައި މި މަހުގެ އެއްވަނަ ދުވަހު ދިވެހި ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނާ ގުޅިގެން ގިނަބަޔަކުވަނީ ސަރުކާރުގެ ސްޓޭންޑަށާއި ވަޒީރަށް ތައުރީފުކޮށްފައެވެ. މި ބަޔާނުގައި ފާހަގަކުރެއްވި ހުރިހާ ކަމަކީވެސް ކޮންމެ ދިވެއްސެއްގެވެސް ޝުއޫރު ކަމުގައި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޚިޔާލުތަކުގައި ބުނެފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ޑރ. ޙައިދަރު ވަނީ ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުޞަތު ދެއްވީތީ ޚާރިޖީ ވުޒާރާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ބަޔާން ދެއްވުމަށް ދެއްވި ދައުވަތު ގަބޫލުކުރެއްވީ ފަލަސްތީނުގެ ދިފާއުގައި ވާހަކަދެއްކުމަކީ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއް ކަމުގައި ދެކިގެން ކަމަށް ވިދާޅުވިއެވެ.

ވަޒީރު ޙައިދަރު ވިދާޅުވީ އިސްރާއީލުގެ މަންދޫބުގެ ފަހުން ދިވެހި ސަރުކާރުގެ ބަޔާން އދ. ގެ އާންމު މަޖިލީހުގައި އިއްވުމުގެ ފުރުޞަތު ލިބިގެންދިއުމަކީ ލިބިވަޑައިގެންނެވި އިތުރު ބާރެއްކަމަށެވެ.

"އަޅުގަނޑުގެ ވާހަކައިގައި އަޅުގަނޑަށް އެ ނެރެވުނު ޖަޒުބާތާއި އަސަރު ނެރުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ އަޅުގަނޑަށް އިސްރާއީލުގެ މަންދޫބަށްފަހު ވާހަކަދައްކަން ޖެހުނީމަ" ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޙައިދަރު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ޑރ. ޙައިދަރު ވަނީ ފަލަސްތީނަށް ޙައްގު ހޯދައިދިނުމަށް ދުނިޔޭގެ އެތައް ޤައުމެއްގައި އެތައް ބަޔަކު އިއްވަމުންދާ އަޑު އެންމެ ވޯޓަކުން ކަނޑުވާލުމަކީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނަށް ޙައްގު ހޯދައިދިނުމަށް އދ. ގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަން ފާހަގަކޮށް ވީޓޯ އުވާލަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވީ ފަލަސްތީނަށް ޙައްގު ހޯދުމަށާއި އދ. ގެ ފުރިހަމަ މެންބަރަކަށް ވުމަށް ހުށަހެޅި މައްސަލަތައް އެމެރިކާއިން ވީޓޯގެ ބާރު ބޭނުންކޮށްގެން ބޭރުކުރަމުންދާތީއެވެ.





More from PSM News