ނަޝީދަށް ދިން ހަމަލާއަށް 3 އަހަރު: އިންސާފު ނުލިބޭތީ ޑިމޮކްރެޓްސްގެ ކަންބޮޑުވުން

Mon, 06 May 2024 11:40 AM

View on this article on PSM News

ނަޝީދަށް ދިން ހަމަލާއަށް 3 އަހަރު: އިންސާފު ނުލިބޭތީ ޑިމޮކްރެޓްސްގެ ކަންބޮޑުވުން

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއަށް 3 އަހަރުވީއިރުވެސް އެމަނިކުފާނަށް އިންސާފު ލިބިފައިނުވާކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ޙަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވާފައެވެ.

އެ ހަމަލާއަށް 3 އަހަރު މިއަދު ފުރުމާއި ގުޅިގެން ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ނަޝީދަށް ދިން ޙަމަލާއަށް އިންސާފު ލިބިފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާ ދިން މައްސަލާގައި އިއުތިރާފުވި ފަރާތްތައް ފިޔަވައި އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެފައިވާކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޑިމޮކްރެޓްސްގެ ބަޔާނުގައި ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ބައެއް މީހުން ދޫކޮށްލާފައިވާކަމަށާއި އަދި ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާއިރު، މިއަދާއި ހަމައަށް އައިއިރުވެސް އެކަމުގެ ފަހަތުގައިވާ ބަޔަނު ހޯދިފައިނުވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެކަމުގައި ބައިވެރިވާ މީހުންނަށް ޙައްޤު އަދަބު ދީ، ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ޑިމޮކްރެޓްސްއިން ގޮވާލާފައިވެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން 8 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އޭގެތެރެއިން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި އަޙްމަދު އަދުހަމްގެ މައްޗަށް ވަނީ ކުށް ސާބިތުވެ 23 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފައެވެ. މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ.

މީގެއިތުރުން އެ މައްސަލައިގައި ހައްޔަރުކުރި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މި ޙަމަލާއާ ގުޅޭގޮތުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންވެސް ވަނީ މަޖިލީހުގައި ކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅޭ އިތުރު މަޢުލޫމާތު ދިފާޢީ ވުޒާރާގައި އެބަހުރި ކަމަށެވެ. އަދި ޤާނޫނުގެ ދަށުން ދިވެހި ސިފައިން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ހުރިހާ ފަރާތްތަކަށްވެސް ރައްކާތެރިކަން ދިނުމުގެ ވާޖިބު ފުރިހަމައަށް އަދާ ކުރާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބުގެ ކެންޕެއިނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ރައީސް ނަޝީދަށް ދިން ޙަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދޭނީ އެމަނިކުފާނުގެ ސަރުކާރެއްގައިކަމަށް ވިދާޅުވެފައެވެ.





More from PSM News