ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ހީނާ

Tue, 23 Apr 2024 07:00 PM

View on this article on PSM News

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ހީނާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، ހީނާ ވަލީދު ޢައްޔަންކުރައްވައިފިއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ޗީފް ސްޕޯކްސްޕާސަންކަމަށް ހީނާ ވަލީދު ޢައްޔަންކުރައްވާފައިވަނީ، މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕާސަންގެ ގޮތުގައި ހީނާ ވަލީދު ޚިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަޤާމެއްގެ ގޮތުގައެވެ.

މީގެ ކުރިން ހީނާ ވަލީދު ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރުކަމާއި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި 17 އަހަރުވަންދެން ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ. އެގެތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަޤާމުވެސް ހިމެނެއެވެ.

ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް ޢައްޔަނުކުރެއްވި ހީނާ ވަލީދު މަތީ ތަޢުލީމު ޙާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖަރނަލިޒަމް އެންޑް އެޑްވަރޓައިސްމަންޓްގެ ދާއިރާއިންނެވެ.





More from PSM News