ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް!

Mon, 06 May 2024 09:16 AM

View on this article on PSM News

ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް!

ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން އެއްވެސް މީހަކަށް ފުލުހުން ނުގުޅާނެކަމަށާއި، އެހެންކަމުން މިގޮތަށް އަންނަ ފޯނު ކޯލުތަކަށް ސަމާލުވުމަށް ޝިފާން އިލްތިމާސް ކުރެއްވިއެވެ.

ފުލުހުންގެ ނަމުގައި ހިންގި ސްކޭމް ކޯލުތަކެއްގެ މައްސަލަ 2015 ވަނަ އަހަރުވެސް ވަނީ ފެންމަތިވެފައެވެ. އެފަހަރު ގުޅަމުންދިޔައީ މަކަރާ ހީލަތުން ފައިސާ ހޯދުމަށް ފުލުހުންގެ އެކި ތަހްޤީޤީ ޑިޕާޓްމަންޓުތަކާއި ޕޮލިސް ސްޓޭޝަންތަކުގެ ނަމުގައެވެ.

ރާއްޖޭގައި އޮޅުވާލައިގެން، ސްކޭމް ކޯލުތަކާއި މެސެޖްކުރާ މައްސަލަ ބޮޑުވެފައިވާއިރު، އޭގެތެރޭގައި ޙައްޖު ޖާގަ ކަށަވަރުކުރުމާއި، ފްލެޓް ލިބުނުކަމަށް ބުނެ ނުވަތަ ލަކީ ޑްރޯއަކުން އިނާމު ލިބުނުކަމަށް ބުނެ ކުރާ ކޯލްތަކާއި މެސެޖްތައް ގިނައެވެ.





More from PSM News