އައްޑޫގައި ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރު ދިނުމަށް ހުރިހާ މަސައްކަތެއް ކުރާނަން: ފެނަކަ

Mon, 06 May 2024 09:26 AM

View on this article on PSM News

އައްޑޫގައި ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރު ދިނުމަށް ހުރިހާ މަސައްކަތެއް ކުރާނަން: ފެނަކަ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގެ އާބާދީ ބޮޑުވުމާއެކު އެ ކުންފުނިން އުފައްދާ ފެން ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށެވެ. މިއާއެކު މިހާރު ބަހައްޓާފައިވާ ޕްލާންޓުން އުފައްދާ ފެނަށްވުރެ ބޭނުންކުރާ ފެނުގެ އަދަދު އިތުރުވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާވަރަށް ފެނުގެ ނިޒާމު މަރާމާތުކޮށް، ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިފައިނުވާ ކަމަށެވެ. އޭގެ ސަބަބުން އައްޑު ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ހާލަތު އިތުރަށް ދަށަށް ގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެއް އަހަރު ދުވަހުގެ އަޕްގްރޭޑިން މަޝްރޫއެއް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފެނަކައިން ބުނެއެވެ. އެ މަޝްރޫއު ނިމިގެންދާއިރު އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ. އަދި މިހާރު ވެސް ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެނަކައިން ވަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން އެ ކުންފުންޏަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި މިހާރުގެ މެނޭޖުމަންޓުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދެވޭނެކަން ކަށަވަރުކޮށް، ޚިދުމަތް ދިނުމުގެ ރޮނގުން ކުންފުނި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތުދެއްވިއެވެ.





More from PSM News