ވިފާގުގެ މަރުގެ މައްސަލައިގެ ހާދިސާ ރިޕޯޓު ކަމަށް ބުނެ ދައުރުކުރަނީ ސައްހަ ލިޔުމެއް ނޫން: ފުލުހުން

Fri, 18 Oct 2024 06:47 AM

View on this article on One Online

ވިފާގުގެ މަރުގެ މައްސަލައިގެ ހާދިސާ ރިޕޯޓު ކަމަށް ބުނެ ދައުރުކުރަނީ ސައްހަ ލިޔުމެއް ނޫން: ފުލުހުން

މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާންގެ މަރުގެ މައްސަލައިގެ ހާދިސާ ރިޕޯޓު ކަމަށްބުނެ ދައުރުކުރަނީ ސައްހަ ލިޔުމެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ހާދިސާ ރިޕޯޓު ކަމަށްބުނެ، "ހަސަން ކުރުސީ" އެކްސް އެކައުންޓުން އިއްޔެ އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ، ވިފާގަށް ޖިންސީ އަނިޔާތަކެއް ކޮށްފައިވާކަން ސޯކޯ އޮފިސަރުން ފާހަގަކުރި ނަމަވެސް، އޮޓޮޕްސީ އާއި އިތުރު އެއްވެސް މެޑިކަލް އެގްޒަމިނޭޝަނެއް ހަދަން ބޭނުން ނުވާތީ އާއިލާއާ އޭނާގެ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށެވެ.

ވިފާގުގެ ހަށިގަނޑު ހަވާލުކުރުން ލަސްވެގެން އާއިލާގެ ފަރާތުން އޭނާގެ ދޮންބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ތިން ފަހަރެއްގެ މަތިން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަޑައިގެން ޝަކުވާ ހުށަހަޅުއްވާފައިވާ ކަމަށާއި ހަށިގަނޑު ހަވާލުކުރުން ލަސްވަނީ ފޮރެންސިކުން އެވިޑެންސް ނަގަމުންދާތީ ކަމަށް ފުލުހުން ބުނުމުން އެކަމާ ނާޒިމް ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

އެ ލިޔުމާ ގުޅޭގޮތުން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ވިފާގު އިމާރާތެއްގެ މަތިން ވެއްޓި މަރުވި މައްސަލައިގެ ހާދިސާ ރިޕޯޓު ކަމަށްބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދަނީ ސައްހަ ލިޔުމެއް ނޫން ކަމަށެވެ.

ވިފާގުގެ މަރާ ގުޅޭގޮތުން މައުލޫމާތު ހާމަކުރުމަށް ފުލުހުން ވަނީ މިމަހުގެ 13 ވަނަ ދުވަހު ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި މަރާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހާމަކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި މީގެ ކުރިން އަމިއްލައަށް މަރުވާ މައްސަލަތަކުގެ މައުލޫމާތާއި މަރުވާ ކުދިންގެ ޒާތީ މައުލޫމާތުތައް ހާމަ ނުކުރާ މިންވަރަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ވިފާގުގެ މަރާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ހިއްސާކޮށްފައި ވަނީ އޭނާގެ މަރާ ގުޅޭ ގޮތުން "ޗެނަލް13" އިން ގެނެސްދިން ރިޕޯޓެއްގައި ފުލުހަށާއި އޭނާގެ މަންމައަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާތީއެވެ. އަދި އެ ރިޕޯޓުގައި ވިފާގުގެ ދޮންބައްޕަ، ނާޒިމަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭނާއަށް ނާޒިމް، ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިފާގްގެ ޒާތީ ގިނަ މައުލޫމާތުތަކެއް ފުލުހުން ހާމަކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ހާއްސަކޮށް އެފަދަ ޕްރެސްއެއްގައި ހާމަކުރަން ނުޖެހޭ ޒާތީ އެތައް މައުލޫމާތުތަކެއް ހާމަކޮށްފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިފާގާ ގުޅޭ ވަރަށް ނާޒުކު މައުލޫމާތުތަކެއް ހާމަކޮށްފައިވަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫންކަން ގަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް މާފަށް އެދޭ ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަރާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހާމަކޮށްފައިވަނީ މީޑިއާއަކުން ގެނެސްދިން ރިޕޯޓަކާ ގުޅިގެން ފުލުހުންނާއި އެކުއްޖާގެ އާއިލާއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭގޮތުން ޕްރޮގްރާމެއް ތައްޔާރުކޮށް ބްރޯޑްކާސްޓް ކޮށްފައިވާތީ ކަމަށެވެ. އަދި އެ މައުލޫމާތުތައް ފުލުހުން ދީފައިވަނީ ވިފާގުގެ މަންމަ އާއި ބައްޕަ ހިމެނޭހެން އާއިލާއަށް ވެސް އެކަން އެންގުމަށްފަހު ކަމަށެވެ.





More from One Online