ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރަށް ދައުވާކޮށްދޭން އެދިއްޖެ

Wed, 16 Oct 2024 11:29 AM

View on this article on One Online

ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރަށް ދައުވާކޮށްދޭން އެދިއްޖެ

ލ. ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން އެ މައްސަލައިގައި ދައުވާ ކުރަން އެދިފައިވަނީ 2019 ވަނަ އަހަރު ލ. ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ ހަވާލުވެ ހުރި، އެ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރު ނަސްރުﷲ އަބުދުﷲ، ތަރިވިދާގެ، ލ. ގަންގެ މައްޗަށެވެ.

އޭނާއަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 29ގައެވެ.

އޭސީސީން މިއަދު ބުނީ 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރީ ނަސްރުﷲ ގެ އާއިލީ މަސްލަހަތު އޮތް، މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.

މި މަސައްކަތް ހަވާލުކުރީ ފެނަކައިގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދާ ހިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ފެނަކައަށް އެންގުމެއް ނެތި ކަމަށެވެ. އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާ ނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކައިގެ ހެޑް އޮފީހުގައި ވެސް އެދިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ނަސްރުﷲ އަމަލުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.





More from One Online