ބީއެމްއެލްގެ ތާރީހުގައި ސީއީއޯއަކަށް ފުރަތަމަ ފަހަރަށް ދިވެއްސެއް، ސީއީއޯއަކަށް ޝަރީފް

Wed, 16 Oct 2024 10:41 AM

View on this article on One Online

ބީއެމްއެލްގެ ތާރީހުގައި ސީއީއޯއަކަށް ފުރަތަމަ ފަހަރަށް ދިވެއްސެއް، ސީއީއޯއަކަށް ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މުހައްމަދު ޝަރީފް އައްޔަންކުރުމަށް ނިންމައިފިއެވެ.

ޝަރީފް މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެންނެވެ. ބޭންކުގެ މި ނިންމުމާއެކު ޝަރީފަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯއެވެ. މިއީ ބޭންކަށާއި ރާއްޖޭގެ މާލީ ދާއިރާއަށްވެސް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ބީއެމްއެލުން ދެކެއެވެ.

ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި ހަތް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާވެސް ހޯއްދަވާފައިވެއެވެ.

ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކުގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ހިންގުން ޒަމާނީކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއްވާފައި ކަމަށާއި އެގޮތުން ޝަރީފް ވަނީ ކޯ-ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރުމާއި، ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން އިންޓަނެޓް އަދި މޮބައިލް ބޭންކިން، ސެލްފް ސާވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައި ކަމަށެވެ. އެ ހިދުމަތްތަކާއެކު ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެން ދިޔަ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބޭންކަށް ހިދުމަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލުކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފައި ކަމަށާއި އެގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއް ކަމަށްވާ އިސްލާމިކް ބޭންކިން، ޓެކްނޮލޮޖީ، މާކެޓިން، ރީޓެއިލް ބޭންކިން އަދި އޮޕްރޭޝަންސް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާ އިން އެމްބީއޭ ހާސިލުކުރައްވައިފައެވެ. އޭގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯ އިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ 'ސީނިއާ އެގްޒެކްޓިވް ޕްރޮގްރާމް' ވެސް ފުރިހަމަކުރެއްވިއެވެ. ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމު އަދާކުރައްވައިފައެވެ.

ބީއެމްއެލުން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރައްވައިފައެވެ.





More from One Online