ކެމްޕޭން އޮފީހުގައި ރޯކޮށްލި މީހާ ހައްޔަރުކުރީ ފިލަން ރާއްޖޭން ބޭރަށް ދާން އެއާޕޯޓުގައި ހުއްޓާ: ފުލުހުން

Fri, 26 Apr 2024 03:10 PM

View on this article on One Online

ކެމްޕޭން އޮފީހުގައި ރޯކޮށްލި މީހާ ހައްޔަރުކުރީ ފިލަން ރާއްޖޭން ބޭރަށް ދާން އެއާޕޯޓުގައި ހުއްޓާ: ފުލުހުން

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރި ކެންޑިޑޭޓް ފަރުހަތު މުހައްމަދުގެ ޖަގަހައިގައި އަލިފާން ރޯކޮށްލި މީހާ ހައްޔަރުކުރީ ފިލަން ވެގެން ރާއްޖެއިން ބޭރަށްދާން އެއާޕޯޓުގައި ހުއްޓާ ކަމަށް ކޯޓު އަމުރުގައި ބުނެފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި/ ހީނާމާގެ، އަންވަރު މުހައްމަދު (31އ)އެވެ. ފުލުހުން އަންވަރުގެ މައްޗަށް ކުރަނީ ގަސްދުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން އަންވަރު ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި މިއަދު ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

"މީނާއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ހުރިއިރު އެހެން ރަށަކަށް ގޮސް ފަރުވާ ހޯދި ކަމަށާއި ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވުމުންވެސް ހާޒިރުނުވާ ކަމަށާއި މައްސަލައަށް ފިލައިގެން ރާއްޖެއިން ބޭރަށް ދާން ގޮސް ހުއްޓައި ހައްޔަރުކުރެވިފައިވާ ކަމަށް އައިއޯ ބުނެފައިވޭ،" ކޯޓު އަމުރުގައި ބުންޏެވެ.

އަންވަރުގެ ފަރާތުން ދިފާއުގައި ބުނީ، އޭނާ މަސައްކަތް ކުރީ ރާއްޖެއިން ފިލައިގެން ދާން ނޫން ކަމަށާއި ރާއްޖެއިން ބޭރަށް ދާން އުޅުނީ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި ފުލުހަށް ހާޒިރުވުމަށް އަންގައި ފޮނުވި ޗިޓާ އޭނާ ހަވާލުވެފައިނުވާ ކަމަށާއި ޗިޓާ ހަވާލުވީ އޭނާގެ ކޮއްކޮ ކަމަށްވެސް ބުންޏެވެ.

އަންވަރާ ދެކޮޅަށް ފުލުހުންކުރާ ކުށް އޭނާ ކުރިކަމަށް ފުލުހުން ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާތީއާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޯޓުން ވަނީ އަންވަރުގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.





More from One Online