ވައިކަރަދޫ ބަނދަރުތެރެއަށް ވަން މުށިމަސްތަކެއް މަރުވެ ކުނިވެއްޖެ

Fri, 26 Apr 2024 11:35 AM

View on this article on One Online

ވައިކަރަދޫ ބަނދަރުތެރެއަށް ވަން މުށިމަސްތަކެއް މަރުވެ ކުނިވެއްޖެ

ހދ. ވައިކަރަދޫ ބަނދަރުތެރެއަށް ވަން މުށިމަސް އައިނަކުން ގިނަ އަދަދެއްގެ މުށިމަސް މަރުވެ، ކުނިވެއްޖެއެވެ.

ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް "ވަން" އަށް މިއަދު ވިދާޅުވީ އިއްޔެ ފަތިހުގެ ވަގުތެއްގައި އެ ރަށު ބަނދަރުތެރެއަށް ވަން އެ މުށިމަސް އައިނުން ރަށުގެ ބައެއް މީހުން މަސް ހިފި ކަމަށެވެ. އެގޮތުން 5،000 އަށްވުރެ ގިނަ މަސް ހިފި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.

"އިއްޔެ ވަރަށް ގިނަ މީހުން މަސް ހިފި. އެ މަސްތައް އެންމެ ފުރަތަމަ ފެނުނީ މަސް ހިފަން އުޅުނު ބަޔަކަށް. އެ މީހުންނަށް ފެނުނީ މުށިމަސްތައް ބަލިވެގެން ލޮނުގަނޑުގެ މައްޗަށް އަރައިގެން އުޅޭތަން. އިއްޔެ މަސް ހިފުމަށްފަހު ނުހިފުނު މަސްތައް މިއަދު މަރުވެގެންނާއި ކުނި ވެގެން ލޮނު މައްޗަށް އަރާފައި ހުރީ،" ނުހާމް ވިދާޅުވިއެވެ.

ނުހާމް ވިދާޅުވީ މަރުވި މަސްތައް ނަގައި މިއަދު ހެނދުނު ބަނދަރުތެރެ ސާފުކޮށްފައިވާ ކަމަށެވެ.

"ގާތްގަޑަކަށް 10 ލޯޑަރު ޓްރެކްޓަރުގެ ދަތްގަނޑު ފުރައި މަސްތައް ނެގި. އެ ހުރިހާ މަހެއް މިހާރު ވަނީ ވަޅުލައިފައި" ނުހާމް ވިދާޅުވިއެވެ.

ވައިކަރަދޫ ބަނދަރު ތެރެއަށް ވަންނަ މުށިމަސްތައް މަރުވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. ނުހާމް ވިދާޅުވީ އެ ރަށުގައި އެންމެ ފުރަތަމަ ފަހަރަށް ބަނދަރެއް ހަދާފައިވަނީ 2005 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ކަމަށެވެ.

އެ ފަހުން އެ ބަނދަރު ތަރައްގީކޮށްފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރުކަމުގައި ކަމަށް ވިދާޅުވިއެވެ.

އެ ފަހަރު ބަނދަރު ތަރައްގީ ކޮށްފައިވަނީ އެއްވެސް ވަރަކަށް ބަނދަރު ތެރެއިން އޮއެ ބޭރުވާނުވާ ގޮތަށް ކަމުންބަނދަރުގެ ތެރޭގައި ފެހި ޖަހައި، ލޮނުގަނޑު ނުސާފުވުމުގެ ސަބަބުން ބަނދަރު ތެރެއަށް ވަންނަ މަސްތައް މަރުވަނީ ކަމަށް ނުހާމް ވިދާޅުވިއެވެ.





More from One Online