11:00 އަށް ކޯރަމް ހަމަވޭތޯ ބަލަން ނިންމައިފި

Wed, 08 May 2024 10:40 AM

View on this article on One Online

11:00 އަށް ކޯރަމް ހަމަވޭތޯ ބަލަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަވޭތޯ ދެވަނަ ފަހަރަށް ޖަލްސާ ފެށުން ފަސްކޮށްފިއެވެ.

ހެނދުނު 9:00 ގައި ފަށަން އޮތް ޖަލްސާއަށް ބޭނުންވާ ކޯރަމް ހަމަނުވެގެން، 10:00 ގައި ޖަލްސާ ފަށަން ނިންމިއެވެ. ނަމަވެސް 10:20 އަށް ބެއްލެވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމް ހަމަވާ ވަރަށް މަޖިލީހުގެ ގޯތި ތެރޭގައި މެންބަރުން އެބަ ތިއްބެވި ކަމަށެވެ.

ނަމަވެސް ކޯރަމް ހަމަވާ ވަރަށް މެންބަރުން މަޖިލިސް ތަޅުމަށް ނުވަންނަވާތީ ޖަލްސާ ފެށެން ނެތީ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން 11:00 ގައި ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަވޭތޯ ބައްލަވާނެ ކަމަށާއި މިއަދުގެ ޖަލްސާއާ މެދު ގޮތެއް ނިންމަވާނީ އޭގެ ފަހުން ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އެންމެ މަސައްކަތެކެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

މަޖިލިސް ތަޅުމުގައި ކުރަން ހުރި މަސައްކަތްތައް މަދު ނަމަވެސް ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ހުރިކަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ފާހަގަ ކުރައްވައިފައެވެ.

މިހާރު ކުރިއަށް މިދަނީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާތައްކަން ފާހަގަ ކުރައްވައި އަސްލަމް ވަނީ ކޮމިޓީތަކުގެ މަސައްކަތްތައް ނިންމުމަށް މުގައްރިރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަސްލަމް ވިދާޅުވީ، މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ނިމެންދާ އިރު، ވަޒީރުންނާ ސުވާލު ކުރުމަށް މެންބަރުން ހުށަހަޅާފައިވާ 21 ސުވާލު އަދި ނުކޮށް އެބަ އޮތް ކަމަށާއި އެކި ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ސިޓީތަކާ އެކު ޖަވާބު ދޭންޖެހޭ 322 މައްސަލަ އެބައޮތް ކަަމަށެވެ.

މި މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު ކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، ވަޒީރުންނާ ކުރުމަށް މެންބަރުން ހުށަހަޅުއްވާފައިވާ 21 މައްސަލަ މަޖިލިސް ތަޅުމުގައި އަދިވެސް އެބައޮތް ކަމަށެވެ.

އަސްލަމް ވިދާޅުވީ، މަޖިލިސް ނިމެންދާ އިރު ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރާ ގޮތުގެމަތިން މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ސިޓީތަކުގެ ތެރެއިން މިހާތަނަށް ޖަވާބު ނުލިބޭ 322 މައްސަލަ އެބައޮތް ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މިމަހުގެ 10 ވަނަ ދުވަހަށް ސާކިއުލޭޓް ނުކުރެވޭ އެއްވެސް ކޮމިޓީ ރިޕޯޓެއް 13 ވަނަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވޭނެ ކަމަށެވެ.





More from One Online