ވިއެޓްނާމްގެ އައު ރައީސް ލުއޮންގް ކުއޮންގްއަށް ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

Tue, 22 Oct 2024 10:35 PM

View on this article on NewsLab

ވިއެޓްނާމްގެ އައު ރައީސް ލުއޮންގް ކުއޮންގްއަށް ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓްގެ މަޤާމާއި ލުއޮންގް ކުއޮންގް ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.



ވިއެޓްނާމްގެ އައު ރައީސް، މަޤާމަށް ލުއޮންގް ކުއޮންގް ހުވާކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ ތަހުނިޔާ ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ ކުއޮންގްގެ ވެރިކަމުގައި ވިއެޓްނާމަށް ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

މީގެއިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމާލައްވަމުން ވިއެޓްނާމްގެ ރައީސް ކުއޮންގްއަށް ކާމިޔާބީއާއި ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ރައީސް ވިދާޅުވީ ވިއެޓްނާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުން ލިބެމުންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.



More from NewsLab