ޝިޔާއު މަރާލިކަމުގެ ދައުވާ އުފުލި ސާހިލް ތަހުޤީގު ބަޔާންތަކަށް އިންކާރުކޮށްފި

Tue, 22 Oct 2024 10:40 AM

View on this article on NewsLab

ޝިޔާއު މަރާލިކަމުގެ ދައުވާ އުފުލި ސާހިލް ތަހުޤީގު ބަޔާންތަކަށް އިންކާރުކޮށްފި

ހ. ޝީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާއިން 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހު ރަހުމުކުޑަގޮތަކަށް މަރާލައިފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގައި ދައުވާ އުފުލައިފައިވާ އަލީ ސާހިލް ތަހުގީގަށް ދިން ބަޔާންތަކަށް އިންކާރުކޮށްފިއެވެ.



ފ ނިލަންދުއަށް ނިސްވަތްވާ ޒުވާން ސްކޭޓަރު ސާހިލް ވަނީ، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދާ އެ މައްސަލައިގައި ޝަރީޢަތުގައި އޭނާގެ ތަހުޤީގު ބަޔާންތަކަށް އިންކާރުކޮށް އެ ބަޔާންތައް ބަލައިނުގަތުމަށް ޝަރީޢަތުގައި އެދިފައެވެ.

މި މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުވަނީ، ސާހިލްގެ މައްޗަށް 5 ދައުވާއެއް އުފުލައިފައިވެއެވެ.

އެއީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އިތުރު ހަތަރު ދައުވާއެކެވެ.

މި މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ސިއްރު އަޑުއެހުންތަކުގައި ސާހިލްގެ މައްޗަށް އުފުލައިފައިވާ ދައުވާތަކާއި ގުޅިގެން ވަކި ޖަވާބެއް ދިނުމަށް އޭނާ އުޒުރުވެރިވެފައި ވާތީ އެ ކޯޓުން ވަނީ އޭނާ އެ ދައުވާތަކަށް އިންކާރުކުރީ ކަމުގައި ކަނޑައަޅައިފައެވެ. އަދި އޭނާއާއި ދެކޮޅަށް ހުށަހަޅައިފައިވާ 5 ދައުވާއާއި ގުޅިގެން އެއްވެސް ދިފާޢީ ހެއްކެއް ހުށަހަޅައިފައި ނުވާކަން އެ ކޯޓުން ފާހަގަކޮށްފައިވާއިރު، އިއްޔެގެ ޝަރީޢަތުގައި  ދައުލަތުން ވަނީ ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކިބަސް ސިއްރުން ނަގައި ދިނުމަށް ހުށަހަޅައިފައެވެ.

މިއާއެކު ސިއްރުން ހިމެނޭ ތިން ދައުވާއެއްގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ކޯޓުން ވަނީ ފުރުސަތު ދީފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން ވަނީ ޝާހިލާއި ދެކޮޅަށް އުފުލައިފައިވާ، މަސްތުވާތަކެތި ބޭނުން ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިބްތިދާއީ އާޑުއެހުންތައް ނިމުނުކަން އިއުލާނުކޮށްފައެވެ.  އެ ދެ ދައުވާގައި ދެން އޮންނާނީ އިފްތިތާހީ ބަޔާން ހުށަހަޅައި ހެކި ބަސް ނެގުމެވެ.

ޝިއާއު މަރާލި މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ، ޝިއާއު މަރާލަން ޝާހިލް ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް އެގެއިން ފެނިފައިވާ ކަމަށް ބުނެފައެވެ. އަދި އެހާދިސާ ހިނގިއިރު، ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ޝާހިލް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ.



More from NewsLab