ބޭރުން ހޮސްޕިޓަލެއް ގަނެވޭ ވަރަށް އާސަންދައިން ޚަރަދުކުރޭ: ނާޒިމް

Mon, 21 Oct 2024 11:33 PM

View on this article on NewsLab

ބޭރުން ހޮސްޕިޓަލެއް ގަނެވޭ ވަރަށް އާސަންދައިން ޚަރަދުކުރޭ: ނާޒިމް

ރާއްޖެއިން ބޭރުން ހޮސްޕިޓަލެއް ގަނެވޭ ވަރަށް އާސަންދައިން ބޭރުގެ ހޮސްޕިޓަލްތަކަށް ޚަރަދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.



ނާޒިމް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާސަންދައިން ކުރަމުންދާ ޚަރަދުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ނާޒިމް ވިދާޅުވީ، ބޭރުގެ ހޮސްޕިޓަލްތަކަށް އާސަންދައިން ވަރަށް ބޮޑު ހޭދައެއް ކުރަމުންދާ ކަމަށެވެ.

“ވަރަށް ބޮޑެތި އަދަދުތަކުން ރާއްޖެއިން ބޭރު ހޮސްޕިޓަލްތަކަށާއި ފާމަސީތަކަށް ލާރި ދައްކަން އެބަހުރި، ބައެއް ހޮސްޕިޓަލްތަކަށް ދައްކަން ހުރި އަދަދުތަކަށް ބަލާއިރު ހޮސްޕިޓަލެއް ރާއްޖެއިން ބޭރުން ގަންޏަންޏާ ގަނެވޭ ވަރަށްވެސް އެބަހުރި 8 މިލިޔަން ޑޮލަރުން 6 މިލިޔަން ޑޮލަރުން އެބަހުރި ހޮސްޕިޓަލްތަކަށް ފައިސާ ދައްކަން ޖެހިފައި.” ނާޒިމް

ނާޒިމް އިތުރަށް ވިދާޅުވީ އާސަންދައިން ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކަށް ޚަރަދު ކުރަނީ ބޭރުން ހޮސްޕިޓަލެއް ގަތުމަށް ޚަރަދުކުރަންޖެހޭ ވަރުގެ ބޮޑު އަދަދަކަށް ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީ އާއި ހަވާލާދީ ނާޒިމް ވިދާޅުވީ، މިއަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އާސަންދައިން 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

މިހާރު އާސަންދައިގެ ޚަރަދު ދެ ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، މިއަހަރު ނިމޭއިރު އެ އަދަދު ތިން ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެއިތުރުން، ދައުލަތަށް އަހަރަކު ލިބޭ 34 ބިލިއަން ރުފިޔާގެ ތެރެއިން ތިން ބިލިއަން ރުފިޔާ އާސަންދައަށް ޚަރަދުކުރާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، އެއީ މުޅި ދައުލަތުގެ އާމްދަނީގެ 10 އިންސައްތަ އެކަމަށް ޚަރަދުކުރުން ކަމުގައެވެ. މިއާއިއެކު ނާޒިމް ވަނީ އާސަންދަ ރީފޯމްކުރުމަށް ގޮވާލާ ކޮމިޓީއަށް ހުށަހަޅާފައެވެ.



More from NewsLab