ބާރަށުގައި ގެސްޓްހައުސްއެއް އިމާރަތް ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

Mon, 21 Oct 2024 08:44 PM

View on this article on NewsLab

ބާރަށުގައި ގެސްޓްހައުސްއެއް އިމާރަތް ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.



މިއަދު އެ މިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 71,832 އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ 11:00 ގައި ވާޗުއަލްކޮށް، ޒޫމް މެދުވެރިކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މީގެއިތުރުން، މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެންބަރުމަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 10:00 ވެ.

މިމަޝްރޫއާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޑިސެންބަރުމަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ މިނިސްޓްރީގެ [email protected] މެއލް ކުރައްވައިގެން ސާފުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ހަމައެއާއިއެކު ބީލަން ހުށަހަޅަން ބޭނުންވާ މީހުން، ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި މާދަމާއިން ފެށިގެން ޑިސެމްބަރު ހަތަރުވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ދުވަސް ދުވަހު ރަސްމީ ވަގުތުތަކުގައި، މިނިސްޓްރީގެ ރިސެޕްޝަނުން ބީލަން ފޮތް ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ހއ. ބާރަށުގައި އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.



More from NewsLab