ބޭންކް އިންޓަރެސްޓު، ރިބާގެ ގޮތުގައި ލިބޭ ފައިދާ ޞަދަޤާތް ކުރުމުން ޘަވާބު ލިބޭނެތަ؟

Mon, 05 Jun 2023 08:04 AM

View on this article on Naares

ބޭންކް އިންޓަރެސްޓު، ރިބާގެ ގޮތުގައި ލިބޭ ފައިދާ ޞަދަޤާތް ކުރުމުން ޘަވާބު ލިބޭނެތަ؟

ސުވާލު: ބޭންކް އިންޓަރެސްޓު، ރިބާގެ ގޮތުގައި ލިބޭ ފައިދާ ނުކާންވެގެން ނިކަމެތިންނަށް ޞަދަޤާތް ކުރުމުން ޘަވާބު ލިބޭނެބާ؟



ޖަވާބު:

ގުޅުންހުރި ލިޔުންތައް

އެންމެ ފުރަތަމަ ކަމަކަށް ބޭންކު އިންޓަރެސްޓު، ރިބާގެ ގޮތުގައި ފައިދާ ހޯދުމަކީ ބޮޑު ފާފައެކެވެ. ފުރަތަމަ ތައުބާވާށެވެ. ދެވަނަ ކަމަކަށް، ޙަރާމް ގޮތުގައި ހޯދާފައިވާ ފައިސާއެއް ﷲ ތަޢާލާގެ މަގުގައި ހޭދަކުރިކަމުގައިވިޔަސް ދުވަހަކުވެސް އެއިލާހު އެޤަބޫލެއް ނުކުރައްވާނެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (( لاَيَقْبَلُ اللهُ صَلاَةً بِغَيْرِ طُهُورٍ وَلاَ صَدَقَةً مِنْ غُلُولٍ)) [رواه مسلم برقم224] މާނައީ: “ވުޟޫ ނެތި ކުރާނަމާދެއް ﷲ ޤަބޫލުނުކުރައްވައެވެ. އަދި ޚިޔާނަތުން ހޯދާފައިވާ މުދަލުން ކުރާ ޞަދަޤާތެއްވެސް މެއެވެ.”

އެހެންކަމުން ޙަރާމް މުދަލަކުން ކުރާ ޞަދަޤާތަކުން ޘަވާބެއް ނުލިބޭނެއެވެ.

ތިންވަނަ ކަމަކަށް، ތިބާ އެ ޙަރާމް ފައިސާގައި ހިފުން ތިބާގެ މައްޗަށް ޙަރާމްވީ ފަދައިން ތިބާ އެ ފައިސާ އެހެންމީހަކަށް ދިނުންވެސް ޙަރާމް ވާނެއެވެ.  مَا حَرُمَ أَخْذُهُ حَرُمَ إعْطَاؤُهُ (ހިފުން ޙަރާމް ކޮންމެ އެއްޗަކީ ދިނުންވެސް ޙަރާމް އެއްޗެކެވެ.)މި ޤާޢިދާގެ ދަށުންނެވެ.

ހަތަރުވަނަ ކަމަކަށް، ބޭންކު އިންޓަރެސްޓު، ރިބާގެ މުޢާމަލާތެއްގައި ބައިވެރިވެފައި ރިބާގެ ފައިސާ ބާކީކޮށް އެފައިސާ ނައްތާލިޔަސް ނުވަތަ އޭގެން ޚަލާޞްވިޔަސް ރިބާ ނުކާކަމަކަށް ނުވާނެއެވެ. ސަބަބަކީ ރިބާގެ ފާފަ އެހެން ފަރާތެއްލައްވާ ކުރުވީ ތިބާއެވެ.

ރިބާގެ ފާފާގައި ރިބާ ކާމީހާއާއި ކާންދޭ މީހާއާއި ހެކީންވެސް ހަމަހަމައެވެ. މި ޙާލަތުގައި ރިބާ ކާމީހާ (ބޭންކް) އަށް ރިބާ ކެވުނީ ތިބާ ރިބާ ބޭންކްގައި އެ ފައިސާ ބަހައްޓައި އެކަމަށް އެހީތެރިވުމުގެ ސަބަބުންނެވެ. އަދި ތިބާގެ ފައިސާ ބޭނުންކޮށްގެން އެމީހުން ރިބާގެ އެތައް މުޢާމަލާތެއް ހިންގާނެއެވެ. ވީމާ ހަމައެކަނި ތިމާ ރިބާގެ ފައިސާ ނުކެޔަސް އެ ފާފައިން މިންޖުވީކަމުގައި ދެކިގެންނުވާނެއެވެ.

ތިޔަ ފައިސާ ނިކަމެތިންނަށް ޞަދަޤާތް ކުރުމަކުން ޘަވާބެއް ނުލިބޭނެއެވެ. ތިބާގެ މައްޗަށްވަނީ ތިޔަ ފައިސާއިން ޚަލާޞްވެގަތުމެވެ. އެއީ އެފައިސާތައް މުޖުތަމަޢަށް ފައިދާ ހުރި ކޮންމެވެސް ކަމަކަށް ހޭދަކޮށްގެންނެވެ. މިސާލަކަށް ޢުމުރާނީ ތަރައްޤީގެ މަޝްރޫޢަކަށް ހޭދަކޮށްގެންނެވެ.

މަގު ހެދުމާއި، ފާޚާނާބަރިތައް ހެދުން، ސްކޫލްތައް، ހޮސްޕިޓަލްތައް ހެދުން ފަދަ ކަމަކަށްވެސް އެފަދަ ފައިސާތައް ޚަލާޞްކުރުމުގެ ގޮތުން ދެވިދާނެއެވެ. ނުވަތަ ފަޤީރަކަށް، މުހުތާދުވެގެންވާ މީހަކަށް ދީގެންނެވެ. އެކަމަކު އޭގެ މައްޗަށް ތިބާއަށް ޘަވާބެއް ނުލިބޭނެއެވެ.

✍الشيخ محمد شافع

#SheikhShafiuQA



More from Naares