ފައްޔާޒު ޕޮލިހަށް ހާޒިރުކުރަނީ މަޖުލިސް އިންތިހާބަށް ހުރަސް އަޅަން – ޝާހިދު

Wed, 27 Mar 2024 09:18 PM

View on this article on Muraasilu

ފައްޔާޒު ޕޮލިހަށް ހާޒިރުކުރަނީ މަޖުލިސް އިންތިހާބަށް ހުރަސް އަޅަން – ޝާހިދު

އާރުޑީސީގެ ހިޔާނާތުގެ ތަހުގީގަށް މައުލޫމާތު ހޯދުމަށް ކަމަށް ބުނެ އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއިލު ޕޮލިހަށް ހާޒިރުކުރަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިހާބަށް އެމްޑިޕީން ވެފައިވާ ތައްޔާރީތަކަށް ހުރަސް އަޅައި ޖެއްސުން ކުރުމުގެ ގޮތުން ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ކުރީގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ މަޖުލިސް އިންތިހާބު މިހާ ކައިވެފައި ވަނިކޮށް، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ވެރިން ޕޮލިހަށް ހާޒިރުކޮށް ބިރު ދައްކަން ފެށުމަކީ މަޖުލީހުގެ ގޮނޑިތައް ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ނުވާނެކަން ޔަގީން ވުމުން ކުރަމުންދާ ކަމެއް ކަމަށެވެ.



އެމްޑީޕީގެ ވެރިކަމުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ ފައްޔާޒަކީ އެމްއާރުޑީސީއާއި ގުޅުން އޮތް ބޭފުޅެއް ނޫން ކަމަށާއި ކުންފުނި ހިންގުމުގައި އިސްކޮށް ހަރަކާތެރިވީ އޭނާ ކަމަށާއި މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. ހިޔާނާތުގެ މައްސަލަތަކެއް ކަމަށް ބުނެ ސުވާލުކޮށް އެ މައްސަލަ ބަލާ ވަރަކަށް ފެންނާނީ އާރުޑީސީގެ ކުރީގެ ވެރިންގެ އަމާނާތްތެރިކަން ކަމަށްވެސް މޫކޭ ވިދާޅުވިއެވެ.

ޕޮލިހަށް ހާޒިރު ކުރުމާއި ގުޅޭ ގޮތުން ފައްޔާޒުވެސް ވިދާޅުވެފައިވަނީ އިދިކޮޅު ސިޔާސީ އިސްވެރިންނަށް ބިރުދެއްކުމުގެ ސިލްސިލާ މި ފެށުނީ ކަމަށާއި، އެ ބޭފުޅާއަށް ތުހުމަތުކުރަނީ އެއްވެސް އަސާސެއް ނެތް ސިޔާސީ ތުހުމަތެއް ކަމަށެވެ. އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ޗެއަރޕަސަން ކަމުގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް، ކުރީ ސަރުކާރުގައި އަދާކުރެއްވީ އިކޮނޮމިކް މިނިސްޓަރުކަމެވެ.

ފައްޔާޒު އިސްމާއިލަށް ޗިޓު ފޮނުވާފައިވަނީ މި މަހުގެ 28 (މާދަމާގެ) މެންދުރު ފަހު 3:00 އަށް، ހެންވޭރު ޕޮލިސް ބިލްޑިންގ (ސަރޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ) އަށް ހާޒިރުވުމަށެވެ.



More from Muraasilu