އީވާ ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް އަމީން އާއްމު ވިދާޅުވެއްޖެ

Thu, 08 Jun 2023 01:19 PM

View on this article on Muraasilu

އީވާ ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް އަމީން އާއްމު ވިދާޅުވެއްޖެ

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާ ނުލެވޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ އެޖެންޑާއިން ނަގައިފިއެވެ. މަޖުލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ގެ އެންވެމުކަކަށް މި މައްސަލަ ނެގީ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ.



މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ 50 މެންބަރުންގެ ސޮޔާއެކު އީވާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ގަވައިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާތީ އެ ދުވަހަށް އޮތީ އެ މައްސަލަ އެޖެންޑާ ކޮށްފަ އެވެ.

ނަމަވެސް މައްސަލަ ހުށަހެޅުއްވި މެމްބަރަށް، މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޕާޓީތައް އެކުލެވިގެންވާ ގޮތަށް އައި ބަދަލާ އެކު ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލާފައި ނުވާތީ، އީވާ ވަކި ކުރުމުގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅިފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކާނެ ދިގުމިން އާންމު ކޮމިޓީން ކަނޑައަޅަން ޖެހެ އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ 12 މެންބަރުންނާއެކު އީވާ ވެސް އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވުމުންނެވެ. އީވާގެ އިތުރުން އެމްޑީޕީން ވަނީ ޕާޓީން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެމަނިކުފާނު ރިޔާސަތުން ދުރުކުރަން 56 މެމްބަރަކު ސޮއިކުރެއްވި އެވެ.

ރައްޔިތުންގެ މަޖުލީހުގެ އެމްޑީޕީ މެމްބަރުން ތުހުމަތުކުރާ ގޮތުގައި ނައިބްރައީސް އީވާ ވަކިކުރުމުގެ މައްސަލައާއި އަދި މަޖްލިސް ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ މައްސަލަވެސް މަޖުލީހުން އެޖެންޑާ ނުކޮށް ތަފާތު އުޒުރު ދައްކައިގެން ދިގު ދަންމާނެއެވެ. މި ގޮތުން އީވާގެ މައްސަލަވެސް މަޖުލީހުގެ އަމީންއާއްމު މެދުވެރިކޮށް މި ވަނީ ހުއްޓުވާފައި ކަމަށް މެމްބަރުން ތުހުމަތުކުރެއެވެ.



More from Muraasilu