އާއިލީ ގުޅުން ބަދަހިކުރުން

Sat, 09 Dec 2023 01:10 PM

View on this article on MUNIAVAS

އާއިލީ ގުޅުން ބަދަހިކުރުން

ފަރުދެއްގެ ދުޅަހެޔޮކަން ބައްޓަންކުރުމުގައި ޢާއިލީ ގުޅުންތަކަކީ މައިގަނޑު ދައުރެއް އަދާކުރާ އެއްޗެކެވެ. އެއީ ފަރުދެއްގެ ހަޔާތުގައި ކުރިމަތިވާ ރަނގަޅު އަދި ނުރަނގަޅު ހާލަތުތަކުގައިވެސް އެންމެ ގާތް މަދަދުގާރެވެ. މިފަދަ ޢާއިލީ ގުޅުންތަކަކީ ފަރުދަކަށް ހަމަޖެހުމާއި ހިތްހަމަޖެހުން، ކަންކަމުގައި މަގުދައްކައިދިނުން ނުވަތަ ހާސްވެ ކަންބޮޑުވާ ހާލަތްތަކާއި ބޮޑުކަމެއް ދިމާވާ ހާލަތުގައިވެސް އެންމެ މުހިންމު އެކައްޗެވެ. އާއިލާ ތަރައްގީކޮށް ތަރުބިއްޔަތުކުރުމަކީ ވެސް ދިރިއުޅުމުގެ ގޮންޖެހުންތަކަށް ކެތްކޮށް، އިތުބާރާއި ހިތްވަރާއެކު ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ބާރު ލިބިގެންދާނެ ކަމެކެވެ.

ހަރުދަނާ ދުޅަހެޔޮ އާއިލީ ގުޅުންތަކެއް އުފެއްދުމާއި ދެމެހެއްޓުމަށް ވަގުތާއި މަސައްކަތާއި ކެތްތެރިކަން ބޭނުންވެއެވެ. މަސައްކަތާއި ކުދިންނާއި ގޭތެރޭގެ މަސައްކަތްތަކުގެ ދުވަހުން ދުވަހަށް ކުރިމަތިވާ ޕްރެޝަރުތަކާއެކު ގުޅުންތަކަށް އިހުމާލުވެ، ލޯބިވާ މީހުންނާ މެދު އިހުމާލުވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކޭތަން މުޖުތަމަޢުން ފެންނަކަމީ ޢާއްމު ކަމެކެވެ. ހިތާމަހުރި ކަމެކެވެ.

މި ގެނެސްދެނީ އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި އާއިލާގެ ތެރޭގައި ޠަބީޢީ ކުރިއެރުމާއި ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

👪 އިސްލާމް ދީނުގެ ޝިޢާރުތައް ބަދަހިކުރުން

އާއިލާގެ މެމްބަރުންގެ ތެރޭގައި އިސްލާމީ މަތިވެރި ޝިޢާރުތަކާއި އިސްލާމީ މާތް އަޚްލާޤް އާލާކުރުމަށް މަސައްކަތްކުރުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ. ޢާއިލާގެ ތުއްތުކުދިންނާއި ކުޑަކުދިން ޤުރުއާން ކިޔެވުމަށް، އާއިލާގެ ދޮށީ މީހެއްގެ ގާތަށް ދިއުން އާދަކުރުން، ބަރާބަރަށް ނަމާދުކުރުމަށް ބާރުއެޅުމަށް ކަންތައްތަކެއް ރާވައި ހިންގުން ފަދަ ކަމެއް ކުރެވިދާނެއެވެ.

👪 މުއާޞަތަލީ ގުޅުންތައް ބަދަހިކުރުން

އާއިލާގެ މެމްބަރަކު ބުނަން އުޅޭ އެއްޗެއް އަޑުއަހައި ވިސްނުމަށް ފޯކަސް ކުރާށެވެ. ކެއުމުގެ ވަގުތުތަކާއި އާއިލާއާއެކު ހޭދަކުރާ ވަގުތުތަކަކީ ފޯނާއި އެހެނިހެން ޑިވައިސްތަކާއި ދުރުހެލިވެ ތިބޭ ވަގުތުތަކަކަށް ހަދާށެވެ. އެއީ ޢާއިލާއަށް ތިބާ ހުސްކުރާ ވަގުތުތަކަކަށް ހަދާށެވެ.

👪 ސަގާފަތްތަކާއި އަގުތަކާއި ލަނޑުދަނޑިތައް އެކުގައި ޤާއިމުކުރުން

މީގެ ކުރިން ވެސް އާއިލީ ބައެއް ސަގާފަތްތައް ތަރައްގީކޮށްފައިވާނަމަ، ފެށި ކަންތައް ކުރިއަށް ގެންދިއުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާށެވެ. އަގުތައް ނުވަތަ ވެލިއުޒްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރުމަށް އިށީނދެ، އާ ސަގާފަތްތައް އީޖާދުކޮށް، އެކުގައި ލަނޑުދަނޑިތައް ހާސިލްކުރާނެ ގޮތްތައް ރާވާށެވެ.

ޢާއިލީ މެންބަރުންގެ މަޢުލޫމާތާއި ޢާއިލީ ގަހުގެ ތަފުޞީލުތައް ހިއްސާކުރާށެވެ. ޢާއިލާގެ ދުރުތިބީންނަކީ ކޮބައިކަމާއި ފަހުތިބީން (ޑިސެންޑެންޓްސް)އަކީ ކޮބައިކަންވެސް ކިޔައިދޭށެވެ.

👪 އެކުގައި އައު ކަންތައްތަކެއް ކުރުން

ޢާއިލީ މެންބަރުން ގުޅިގެން އެކުގައި އައު ކަންތައްތަކެއް ކުރާށެވެ. މުޅި އާއިލާ މެންބަރުންނަށް ހުޅުވާލައިގެން ޖޮގިން ނުވަތަ ކަސްރަތު ޕްރޮގްރާމެއް ފެށުން، އާ ބޯޑް ގޭމެއް ކުޅެން، އާ ކްރާފްޓެއް ހޯދައިގެން ނުވަތަ ތަފާތު ކާނާތައް  ތައްޔާރުކޮށްލާށެވެ.

ފިލްމު ބެލުމަށް ނުވަތަ ގޭމްތައް ކުޅުމަށް ނުވަތަ ކަރޯކޭ ޖެއްސުމަށް ހަފުތާގެ ކޮންމެވެސް އެއް ރެއެއް ކަނޑައަޅާށެވެ. ކަންކަން ރޭވުމާއި ނިންމުމުގައި ޢާއިލާގެ ތުއްތުކުދިންނާއި ކުޑަކުދިންގެ މަޝްވަރާއާއި ލަފާވެސް ހޯދާށެވެ. އެކުދިންގެ ބަހަކީވެސް މުހިންމު ބަހެއްކަމަށް ދެކެންވާނެ އެވެ.

👪 ދުރުތާ ތިމާގެމީހުންނާއި ގުޅުންބަދަހިކުރުން

ދުރުގައި ތިބޭ އާއިލާގެ މެމްބަރުންނާ ފޯނުން، އީމެއިލް ނުވަތަ ވީޑިއޯ ކޯލް މެދުވެރިކޮށް ގުޅުމަށް ވަގުތު ހޯދާށެވެ. ޢާއިލާއާއި ދުރުގައި ތިބޭ މީހުންނާ ގުޅުން ބަދަހިކުރުމަކީ އެމީހުންނާ ގުޅުން ހުރިކަން އިހުސާސް ކުރެވޭނެ ކަމެކެވެ.

👪 ހަރަކާތްތެރިވާށެވެ.

ޖިސްމާނީ ހަރަކާތްތެރިކަމަކީ ސްޓްރެސް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އާއިލީ ޑާންސް ޕާޓީއެއް ބާއްވައި ނުވަތަ އާއިލީ ކަސްރަތު ޕްރޮގްރާމެއް ހިންގައި ލަނޑުދަނޑިތައް ކަނޑައަޅައި، ހަފްތާއަކު އެއްފަހަރު އެކުގައި ހިނގާލުންތައް ޝެޑިއުލްކޮށް، ނުވަތަ ކޮންމެ މީހަކަށް ވެސް ކިތައް ޕުޝަޕް ނުވަތަ ޖަމްޕިން ޖެކް ކުރެވޭނެތޯ ބަލާ މުބާރާތްތައް ރާވައި ހިންގާށެވެ. މި ހަރަކާތްތަކުގެ ސަބަބުން ދޭދޭ ގުޅުން ބަދަހިވުމަށް ވަގުތުތަކެއް އޭގެ ޒާތުގައި އުފެދިގެންދާނެ އެވެ.

👪 ހީނ މަޖާކުރާށެވެ.

ހެއްވާލާނެ ކަންތައްތަކެއް ހޯދާށެވެ. އެކުގައި ބަލައިލުމަށް އެކަށޭނަ ފިލްމެއް ހޯދައި ފިލްމު ބަލާލާށެވެ. ފޮތްތެރިކަން އުފެއްދުމަށް ކިޔަން ކަމުދާ ކަހަލަ މަޖާ ފޮތެއް ހޯދައިގެން އެންމެން އެއްވެ ތިބެ އެ ފޮތް ކިޔާށެވެ. ނުވަތަ އަމިއްލައަށް ވާހަކަ އުފައްދަމުން ކިޔަން އެނގޭ މީހެއް ހުރި ނަމަ، ހުރިހައި އެންމެން އެކުގައި ތިބެ ވާހަކަ ކިޔާށެވެ. ނުވަތަ އެކަކު އަނެކަކަށް ދިމާވެފައިވާ މަޖާ ކަންކަން ހިއްސާކޮށް ހީނ މަޖާކޮށްލުމަށް ވަގުތު ހޭދަކުރާށެވެ.

މައިގަނޑު މަޢުލޫމާތު ނެގީ: https://www.dhs.gov/More from MUNIAVAS