“ތަރިންގެ ރޭ” ޝޯ ފެށިގެންދާނީ ރެޑްކާޕެޓްގަ ތަފާތުތަކަކާ އެކު – ނަހޫ

Sun, 21 Jul 2024 05:20 PM

View on this article on MUNIAVAS

“ތަރިންގެ ރޭ” ޝޯ ފެށިގެންދާނީ ރެޑްކާޕެޓްގަ ތަފާތުތަކަކާ އެކު – ނަހޫ

ރާއްޖޭގެ ފިލްމީ ފަންނާނުންގެ ތެރެއިން ގިނަ އަދަދެއްގެ ފަންނާނުންގެ އަމިއްލަ އިސްނެގުމާއެކު ބާއްވާ “ތަރިންގެ ރޭ” ޝޯ ފެށިގެންދާނީ ރެޑްކާޕެޓް އިވެންޓެއްގެ ގޮތުގައި ތަފާތުތަކަކާއެކުގައި ކަމަށް މި ޝޯގެ ކަންކަމުގައި އިސްވެ ހަރަކާތްތެރިވާ ޓީމުގެ ފަރާތުން ޑައިރެކްޓަރު ފާޠިމަތު ނަހުލާ ބުނެފި އެވެ.



“ތަރިންގެ ރޭ” ޝޯގެ އެންމެ ފަހުގެ މަޢުލޫމާތުތައް މުނިއަވަސް އޮންލައިންއާ ހިއްސާކުރަމުން ނަހުލާ ބުނީ މި ޝޯގައި ވަރަށް ގިނަ ފަންނާނުންގެ ވަރަށް ތަފާތު އައިޓަމްތަކެއް ފެނިގެންދާނެ ކަމަށެވެ.

“މި ޝޯގަ ވަރަށް ގިނަ ކުދިންގެ ވަރަށް ތަފާތު އައިޓަމްތަކެއް ފެނިގެންދާނެ. ވަރަށް ތަފާތު އަސަރުތަކެއް ފެނިގެންދާނެ.”

* ޑައިރެކްޓަރު ފާޠިމަތު ނަހުލާ (ނަހޫ)

“ތަރިންގެ ރޭ” ޝޯގެ ދެ ޝޯ ބާއްވަން ކުރިން ނިންމި ނަމަވެސް މިހާރު އޮންނާނީ އެންމެ ޝޯއެއް ކަމަށް ނަހޫ ބުންޏެވެ. ނަހޫ ބުނީ އޮލިމްޕަސް ހޯދަން ބޭނުންވި މުއްދަތަށް އޮލިމްޕަސް ލިބޭގޮތްވެފައި ނުވުމުން ދެ ޝޯ ބޭއްވޭގޮތް ނުވީ ކަމަށެވެ.

“އޮލިމްޕަސް ހޯދަން މި މަސް ފެށުނީއްސުރެން އެދިގެން އުޅުނުކަމުގަ ވިޔަސް އޮލިމްޕަސް ލިބުނީ ދާދި ފަހުން. އެހެންވީމަ މުއްދަތު ނެތީ.”

* ޑައިރެކްޓަރު ފާޠިމަތު ނަހުލާ (ނަހޫ)

ނަހޫ އިތުރަށް ބުނީ ދެ ޝޯގެ ޓިކެޓް ވިއްކުމާއި ޕްރޮމޯޝަނަށް މަސައްކަތްކުރާހާ މުއްދަތު ލިބޭގޮތް ވެފައި ނުވާ ކަމަށެވެ.

“އެހެންވީމަ މަސައްކަތްކުރާހާ މުއްދަތު ނެތީ. ދާދިފަހުން އޮލިމްޕަސް ލިބުނީ. މިކަމާ ވަރަށް ބޮޑަށް ހިތާމަކުރަން.”

* ޑައިރެކްޓަރު ފާޠިމަތު ނަހުލާ (ނަހޫ)

މި ޖުލައި މަހުގެ 25ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސްޓޭޖްގައި ބާއްވާ މި ޝޯގެ މައިގަނޑު މަގުސަދަކީ ޢީދު ޝޯތަކުގައި ރަށްރަށުގައި ފަންނާނުން ހުށައެޅި ވަރުގަދަ ހުށައެޅުންތައް ހިމަނައިގެން އެއަށްވުރެންވެސް ވަރުގަދަ ޝޯއެއް މާލޭ އޭރިއާގައި ދިރިއުޅޭ ފަރާތްތަކަށް ދައްކައިލުން ކަމަށް މި ކަމުގައި ހަރަކާތްތެރިވާ ފަންނާނުން ބުންޏެވެ.

ޝޯގެ ޓިކެޓް މިހާރު ވިއްކަމުން އަންނަކަމަށާ މި ޝޯއާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އަދި ޝޯ ސްޕޮންސަރކުރުމަށް ގުޅުއްވާނީ 7734533 / 7782484 ނަންބަރަށް ގުޅައިގެން ކުރިއަށްދެވޭނެ އެވެ.

މި ޝޯގެ ޓިކެޓްގެ އަގުތަކަކީ 200 ރުފިޔާ އަދި 300 ރުފިޔާ އެވެ. 300 ރުފިޔާއަށް ވިއްކަނީ ފުރަތަމަ ހަތަރު ބަރީގެ ޓިކެޓްތަކެވެ. ދެން ހުރި ޓިކެޓްތަކުގެ އަގުތައް އުޅެނީ 200 ރުފިޔާއަށެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ފިލްމީ ފަންނާނުން ހުށައަޅާ ޝޯތަކަށް ވަރަށް ބޮޑު ތަރުހީބެއް އަބަދުވެސް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިފަދަ ޝޯއެއް މާލޭގައި ބާއްވާ މާލޭ އޭރިއާގައި ތިބި ފަރާތްތަކަށް މުނިއަވަސްފިލުވުމުގެ ވަރުގަދަ ހަރަކާތެއް ގެނެސްދިނުމަށް ފިލްމީ ފަންނާނުން މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ.

މިފަދަ ޝޯއެއް ފިލްމީ ފަންނާނުންގެ ފަރާތުން މާލޭގައި ނުބާއްވާތާ އެތަކެއް އަހަރުތަކެއް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.



More from MUNIAVAS