“ނޮވެމްބަރ” ފިލްމަކީ ތަފާތު ލޯތްބެއްގެ ވާހަކައެއް

Tue, 05 Dec 2023 06:00 AM

View on this article on MUNIAVAS

“ނޮވެމްބަރ” ފިލްމަކީ ތަފާތު ލޯތްބެއްގެ ވާހަކައެއް

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ލޯބީގެ ފިލްމު “ނޮވެމްބަރ” ރިލީޒްކޮށްފި އެވެ. މިމަހު ހަތަރުވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި ރަތްދޫލަ ހަރަކާތަކަށް ފަހު ރިލީޒްކުރި މި ފިލްމަކީ ވަރަށް ތަފާތު ލޯތްބެއްގެ ވާހަކައެއް ދައްކައިދިން ރީތި ފިލްމެއް ކަމަށް ބެލުންތެރިން ފާހަގަކުރެއެވެ.

ފިލްމު “ނޮވެމްބަރ” ރިލީޒްކުރުމަށް ބޭއްވި ޚާއްޞަ ޝޯގައި އިސްމާޢީލް ވަޖީހްގެ އިތުރުން މި ފިލްމުގައި މުހިންމު ބައެއް ކުޅެފައިވާ ވަޖީހްގެ ދަރިފުޅު ތަރީޝްވެސް ބައިވެރިވިއެވެ. މީގެ އިތުރުން ތަރީޝްގެ ވާން އުޅޭ އަނބިމީހާ އަދި ވަޖީހްގެ އެންމެ ހަގަށް ހުންނަ އަންހެން ދަރިފުޅުވެސް ބައިވެރިވިއެވެ.

ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ މޫސާ ވަސީމްގެ އިތުރުން މި ފިލްމުގެ ވާހަކައިގެ އެއް މުސައްނިފު އަޙްމަދު ޠަލާލް (ތޮލް) ހުށައަޅައިދިން އިވެންޓްގެ ތެރެއިން ވަޖީހްގެ އައިކަނިކް ލަވަ “ހޯދާ މަހޯދާ” އަަށް ވަޖީހްގެ ލައިވް އެކްޓިންއެއް ދައްކައިލިއެވެ.

ފިލްމު “ނޮވެމްބަރ” އިން ދައްކައިދެނީ މަރިޔަމް މަޖުދާ (އަމީރާ) އަދި ޖުމައްޔިލް ނިމާލް (ޔަމާން)އާއި ދެމީހުން ސިންގަޕޫރަށް ދިޔަ ދަތުރުމަތީގައި ދިމާވުމަށްފަހު އުފެދޭ ރަހުމަތްތެރިކަމެއްގެ ތެރޭގައި އުފެދިގެންދާ ލޯތްބެކެވެ. އެ ލޯބީގައި އެކަކު އަނެކަކަށް ހިތްދެވެއެވެ. ނަމަވެސް އެކަން ހާމަކޮށް ލޯތްބަށް އެދެނީ ޔަމާން އެވެ. އަމީރާ އެ ލޯތްބަށް ސީދާ ޖަވާބެއް ނުދީ ފުރައިގެން ދަނީ، އަމީރާގެ ލޯބި ހާސިލުކުރަން ބޭނުން ނަމަ، ނޮވެންބަރު މަހުގެ ވަކި ތާރީޚެއްގައި ޚާއްޞަކަމެއް ކުރުމަށް ބުނަމުންނެވެ.

ޔަމާން އަދި އަމީރާގެ ރަހުމަތްތެރިކަން ފައްކާވަމުން ދިޔައީ އިސްމާޢީލް ވަޖީހް (ސޭމް)ގެ ހިޔާވަހިކަމުގެ ތެރޭގައެވެ. ސަކަ މިޒާޖެއްގެ ސޭމްގެ ހަޔާތުގައި ކުރިމަތިލާން ޖެހުނު ލޯބީގެ ހިތްދަތި ހާދިސާއެއް އަމީރާއާ ހިއްސާކުރެއެވެ.

ޔަމާން އަދި އަމީރާގެ ލޯބީގައި ކުލަ ނުޖެހި އުޅެނިކޮށް ވަކިވުމަށްފަހު އެތަކެއް އަހަރުތަކެއް ފަހުން ދިމާވަނީ މުޅީން ތަފާތު އަމީރާ އަކާއެވެ. އަމީރާގެ ހަޔާތަށް ކުރިމަތިވި ކަމެއްގެ ސަބަބުން މުޅީން ބަދަލުވެފައިވާ އަމީރާއަކާ އެވެ. އެހެން ނަމަވެސް އަމީރާގެ ލޯބި ހާސިލްކުުރުމަށް ޔަމާން ވެގެންދާ މަތިވެރި ގުރުބާނީ މި ފިލްމުން ފެނިގެންދެއެވެ.

ފިލްމުގައި އަމީރާގެ ހަޔާތަށް ކުރިމަތިވި ހާދިސާގެ ސަބަބުން އޭނާ ތަހައްމަލުކުރަމުން ދިޔަ ވޭނީ ހަޔާތުގެ ކުލަތައް މަޖޫގެ ހުނަރުވެރި އެކްޓިންއިން ވަރަށް ރަނގަޅަށް ސިފަކޮށްދީފައިވެއެވެ. ހަމަ އެހެންމެ ޖުމައްޔިލްގެ ހަޔާތުގައި ކުރިމަތިލަމުން ދިޔަ ނާޒުކު ކަމެއްގެ މައްޗަށްވެސް ފިލްމުގައި އަލިއަޅުވައިލާފައި ވެއެވެ.

🎦ފިލްމު “ނޮވެމްބަރ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިންMore from MUNIAVAS