ޔޫރޯ 2024 ކުއާޓަރ ފައިނަލް: ފްރާންސާއި ޕޯޗުގަލްގެ ވަރުގަދަ ކުރިމަތިލުން:

Fri, 05 Jul 2024 02:34 PM

View on this article on Minivan

ޔޫރޯ 2024 ކުއާޓަރ ފައިނަލް: ފްރާންސާއި ޕޯޗުގަލްގެ ވަރުގަދަ ކުރިމަތިލުން:

މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިއަންނަ ހުކުރު ދުވަހުގެ ރެއަކީ ކުއާޓަރ ފައިނަލްގެ ވަރުގަދަ މެޗުތަކެއް ކުޅޭނެ ރެއެކެވެ. ފްރާންސާއި ޕޯޗުގަލްގެ މެޗަކީ ހުރިހާ ގޮތަކުން ބެލިކަމުގައި ވީނަމަވެސް، އެންމެ ފޯރިގަދަވާނެ މެޗެވެ. ފްރާންސަކީ މިފަހަރުގެ ޔޫރޯގެ ޓޮޕް ފޭވަރިޓް ޓީމުގެ ގޮތުގައި ހިމެނޭ ޓީމެކެވެ.

ފްރާންސާއި ޕޯޗުގަލްގެ ޓީމަށް ބަލާއިރު ތިބީވެސް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންނެވެ. ފްރާންސްގެ ޓީމަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއްޓީމެވެ. ޕޯޗުގަލްއަކީ އެޓީމުގެ ނަން މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމަކަށްޓަކައި ގުރުބާންވަމުން އަންނަ ޓީމެވެ. ޕޯޗުގަލްއާއި ފްރާންސްގެ މިކުރިމަތިލުން ފޯރިގަދަވާނެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެގޮތުން، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މިފަހުން ބުނެފައިވާ ގޮތުގައި، މިފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަކީ އޭނާ ގައުމީ ޓީމަށް ކުޅެދޭނެ އެންމެ ފަހު ޔޫރޯއެވެ. އެހެންކަމުން، ފްރާންސް އަތުން ޕޯޗުގަލް ބަލިވެއްޖެނަމަ، ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ދެން ކްރިސްޓިއާނޯ ރޮނާލްޑޯ އެއް ނުފެންނާނެކަން ޔަޤީންވެއެވެ.

މެޗު ފޯރިގަދަވާނެ ދެވަނަ ސަބަބަކީ، 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯގައި ފައިނަލުގައި ޕޯޗުގަލްއިން ފަހު ވަގުތުކޮޅު ތެރޭގައި ޖެހި ގޯލުން ފްރާންސް ބަލިކޮށް، ޕޯޗުގަލް ޗެމްޕިއަންކަން ހޯދުމެވެ. އެރޭގެ ވާހަކަ މިހާރުވެސް ފްރާންސްގެ ސަޕޯޓަރުންނާއި ކުޅުންތެރިން އެބަދައްކައެވެ. އެހެންކަމުން، ފްރާންސުން މިމެޗަށް ވަރަށް ދުރާލައި ވެވޭނެ އެންމެ ވަރުގަދައަކަށް ތައްޔާރުވާނެއެވެ. މެޗުން ޕޯޗުގަލް ބަލިވެއްޖެނަމަ، މިއީ، މިފަހުގެ ތާރީޚެއްގައި ފްރާންސަށް ފުޓުބޯޅަ ދަނޑެއްގައި ޓީމެއްގެ އަތުން އެންމެ ވަރުގަދަ ބަދަލެއް ހިފޭނެ މެޗަށް މިމެޗު ވެގެންދާނެއެވެ. ހަމައެއާއެކު، 2016 ވަނަ އަހަރުގެ ޔޫރޯގައި ފްރާންސް ބަލިކޮށްލި ޓީމުގައި ހިމެނުނު ކްރިސްޓިއާނޯ ރޮނާލްޑޯ، ޕެޕޭ، ކީޕަރ ރުއި ޕެޓްރީސިއޯ އަދި ޑެނީލޯ ޕެރޭރާ ފަދަ ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ހިތްދަތިކަމަކީ މިމެޗުން ބަލިވެ ޤައުމީ ޓީމުން ރިޓަޔަރވުން ކަމުގައި ވެދާނެއެވެ.

އަނެއްކޮޅުން ފްރާންސަށް ބަލާއިރު، ފްރާންސަށް އޯޕަން ޕްލޭއެއްގައި ގޯލު ނުޖެހޭތީ އެތަކެއް ފާޑު ކިޔުންތަކެއް އަމާޒުވެފައިވެއެވެ. އެހެން ނަމަވެސް، ފްރާންސްގެ ކޯޗުންނާއި ކުޅުންތެރިން ބުނާ ގޮތުން، އެއީ މައްސަލައެއް ނޫނެވެ. އަދި، ކިތަންމެ ވަރުގަދަ ޓީމަކަސް، އެޓީމެއް ބަލިކޮށްލެވޭނެ ފޯމިއުލާ ފްރާންސަށް އެނގޭކަމުގައި ފްރާންސްގެ ކޯޗު ބުނެފައިވެއެވެ. ފްރާންސަކީ ފުޓުބޯޅަ މެޗެއްގައި ބޭނުންއިރަކު މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން ތިބި ޓީމެކެވެ. އަނެއްކޮޅުން ޕޯޗުގަލްގެ ކުޅުންތެރިންވެސް އެންމެ ބައްދަލުކުރަން ބޭނުންނުވާ ހަމައެކަނި ޓީމަކީވެސް ފްރާންސެވެ.

ފްރާންސާއި ޕޯޗުގަލްވަނީ މީގެ ކުރީގައި 28 ފަހަރަކު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 19 ފަހަރު ފްރާންސުންވަނީ މެޗު ކާމިޔާބުކޮށްފައެވެ. ޕޯޗުގަލްއަށް މޮޅުވެވިފަވަނީ 6 ފަހަރުއެވެ. ބައިނަލް އަޤްވާމީ ފެންވަރުގެ ފުޓުބޯޅަ މުބާރާތްތަކުގައި އެކު ޖުމްލަ 6 ފަހަރަކު މިދެޓީމު މިވީ 25 އަހަރު ތެރޭ ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން 4 ފަހަރު ފްރާންސުންވަނީ މެޗު ކާމިޔާބު ކޮށްފައެވެ. ޕޯޗުގަލްއަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ. އެއީ، މީގެ 8 އަހަރު ކުރިންނެވެ.

The post ޔޫރޯ 2024 ކުއާޓަރ ފައިނަލް: ފްރާންސާއި ޕޯޗުގަލްގެ ވަރުގަދަ ކުރިމަތިލުން: first appeared on Minivan.





More from Minivan