ހަފީޒާ 2ވަނަ ބައި

Fri, 04 Oct 2024 03:54 PM

View on this article on Minivan

ހަފީޒާ 2ވަނަ ބައި

1 އޮކްޓޫބަރުގެ އަދަދާއި ގުޅޭ!



އައިމިނަވެސް ކިހިލީގައި ހުރި ތެލިތައް ކައިރީގައި ހުރި ރުއްބުޑަށް ޖަހާފައި، އެއްއަތުން ހެދުން ކޮށިކޮށްލަމުން ދުއްވައިގަތީ، ހަފީޒާގެ ފަހަތުންނެވެ. ހޭޅިފަށުގައި ތިބި މަސައްކަތްތައް ކުރަން ތިބި އަންހެނުންނާއި ފިރިހެނުންވެސް އެމީހެއްގެ އަތުގައި އޮތް އެއްޗެއް ދޫކޮށްލާފައި ދުއްވައިގަތީ ތުނޑީ ފިނޮޅާއި ދިމާއަށެވެ. އޭރު ފިނޮޅުގެ ދިޔަރެސް މަތީގައި ކުއްޖަކު ތެޅި ފޮޅޭ މަންޒަރާއި، އެހެންކުދިން ދުރަށްޖެހި ބިރުން ހަޅޭލަވާ މަންޒަރު ފެނެއެވެ.

އަންހެންވެރީންގެ ފަހަތުން ހޮޅުއަށިތަކުގައި ތިބި ފިރިހެނުންތައްވެސް ތެދުވެގެން އެދިމާއަށް ދުއްވައިގެންފިއެވެ. އިސާހިތަކު ރަށުގެ އަތިރިމަތީގައި ތިބިއްޔާ ތިބިހައި މީހުން ތިބީ ތުނޑީ ފިނޮޅު މަތީގައެވެ.

ފިނޮޅު ވެލިގަނޑުގެ ގުންޑޮޅީގައި އަތް އަޅުގައިވެން މައްޗަށް އެރޭތޯ ބަކަތަޅަމުންދިޔަ ކުއްޖަކީ އާލިމެވެ. އޭނާގެ ހަށިގަނޑުގެ ތިރީގައިގައި އޮތީ ކޮންވެސް އެއްޗެއް ދަތްއަޅައިގެންނެވެ. ކުދިންތައް ބިރުން ހަޅޭ ލަވަންފެށީ ލޮނުގަނޑުގެތެރެއަށް ފޭދެމުން ދިޔަ ލޭގެ ކުލަ ފެނިފައެވެ.

ކަތިބޮޑުކޮށް ވިލަށް ގުންޑޮޅި ކެނޑިފައި އޮތް ފިނޮޅުގައި އާލިމް އޮތްތަނާއި ގާތަށް އެންމެ ފުރަތަމަ އާދެވުނީ މޫސާފުޅަށެވެ. ދުވެ ގަޑަޖަހާފައި އޭނާއައި އެ ބާރު މިނުގައި ނޭވަޔަކަށް ހުއްޓިވެސް ނުލައި، ފިނޮޅުގެ ގުންޑޮޅީގައި ފައިއެޅުނުގޮތުން އާލިމްގެ އަތުގައި ނުހިފި، ފަސްގަނޑު ކަނޑައިގެންގޮސް އޭނާވެސް ވެއްޓުނީ މޫދުތެރެއަށެވެ.

" ބޮޑު ކަންފަތް ވެނެއް" އަޑިޔަށް ދިޔަ މޫސާފުޅު ފެނުމައްޗަށް ބޯހިއްލާލެވުމާއި އެކު ގޮވާލީ އެހެންނެވެ. އޭރު އޭނާގެ ފަހަތުން އައި މީހުން ގުންޑޮޅީގައި އަތް އަޅުވައިގެން އޮތް އާލިމްގެ އަތުގައި ހިފައި ދަމައި އެއްގަންކޮށްފިއެވެ. އޭރު އެކުއްޖާގެ ކަނާތު ފައިން ލޭތަށް ފައިބަނީއެވެ.

އާލިމްގައިން ދޫކޮށްލުމަށްފަހު އެ ވެން ދެން ދިމާކުރީ މޫދަށް ވެއްޓުނު، މޫސާފުޅާއެވެ. އެހެން ނަމަވެސް ކަނޑުފަޅަށް ފަރިތަ މޫސާފުޅަށް އެއްގަމަށް އެރުނީ އޭނާގެ ފައިގައިވެސް އެއްފަހަރު އެ ވެން ހިފިފަހުންނެވެ. އެހެން ނަމަވެސް އޭނާއަށް މާބޮޑު ވަރެއް ނުވެއެވެ.

"ކޮންމެވެސް މީހަކު މިކުއްޖާގެ ފައިގައި އޮޅާނެ އެއްޗެއް ދީބަލަ!" އާލިމްގެ ކައިރީގައި އިށީންނަމުން އައިމިނަ ބުންޏެވެ.

ފަހަތުން މީހުންގަނޑުތެރެއިން އައި ރަށު އެންމެންގެ ކާފާބޭ އައިމިނައަށް ދިއްކޮށްލީ، އޭނާގެ ބޮލުގައި އޮޅާފައި އޮތް ހުދުފޮށައެވެ. ފޮށާގެ ކައިރި ރޮދި ދަތުންކަނޑާލައި، ފޮށާ ދެފަޅިކޮށް އާލިމްގެ ފައިގައި އޮޅައި ލޭ މަނާކުރީ، އައިމިނައެވެ. އެހެން އަންހެނުންތަކެއް އެކުއްޖާގެ މޫނަށް ފެންއަޅައި ހޭވެރި ކުރެވޭތޯ ބަލައެވެ.

"އެންމެ ކައިރި ހުރި ގެއަކުން ފަތްޖެހި އެނދެއްގެނޭ" ކުޅިބަލަން ތިބި ފިރިހެން ވެރިންނާއި ދިމާއަށް އެހެން ބުނީ ކާފާބޭއެވެ.

"ކޮންއެއްޗެއްތަ މި ސޮރުފައިގައި ދަތްއެޅީ. މިޔަރެއްތަ ނޫނީ ކަޅުވެނެއްތަ؟" ވީގޮތަކާއި ގުޅޭ ގޮތުން ފުރަތަމަ ސުވާލު ކުރީވެސް ކާފާބޭއެވެ.

"އެއީ ބޮޑު ކަންފަތް ވެނެއް. ބަލާބަލަ މަގޭ ފައިގައިވެސް ހިފާފައި އެދިޔައީ." މީހުންގަނޑުގެ ތެރެއިން އައި މޫސާފުޅުބޭ އޭނާގެ ފައި ކާފާބެއަށް ދައްކާލަމުން ބުންޏެވެ.

"އަސްތާ ތިޔަ ވަރަކުން އަދި  މިކަމެއް ނުނިމޭނެ! އިއްޔެވެސް ކައްދަބޭ ގޯތި ދޯނި ބޭނިހައި މަހެއްގެ ކަރުގޮހޮރު އެޅީ މިދިމާއިން އެއޮތް ވަނީގެ ތެރެއަށް! ދެން މިތަނަށް ކަޅުވެނާއި ކަންފަތްވެނާއި އެނޫންވެސް އެއްޗެހި އަރާނެ! ފުރަތަމަ އެކަން ހުއްޓަންވީ!" ކާފާބޭ އިއްވީ ހުކުމެވެ.

އެއްގަމުން އައި މީހުން ގެނައި ފަތްޖެހި އެނދު ގެނެސް ކައިރީގައި ބެހެއްޓުމާއި އެކު އާލިމް އެ ފަތްޖެހި އެނދުގައި ބާއްވައިގެން ހަތަރު ފިރިހެނުން ހަތަރުފައިގައި ހިފައިގެން އެއްގަމަށް ހެލިގެންފިއެވެ. ފަހަތުން ފިނޮޅުމަތީގައި ދެން ތިބި މީހުންވެސް ހިނގައިގެންފިއެވެ.

ހުރިހާ އެންމެންނަށްވުރެ ކުރިން ހަފީޒާ އެއްގަމަށް ދުއްވައިގެންފިއެވެ. މިހުރިހާ ކަމެއް ވީއިރުވެސް އަދި އާލިމްގެ މަންމަ ރާމިޒާގެ ޚަބަރެއް ނެތެވެ. ހަފިޒާ ބާރަށް ދުއްވައިގަތީ އެހެންވެއެވެ.

"ދައިތާ! ދައިތާ!" ހަފީޒާ އާލިމްގެ އާއިލާ ދިރިއުޅޭ ގެއަށް ވަދެގެން އައީވެސް އަޑުނެތް ކޮޅަކަށް ގޮވަމުންނެވެ. ހުޅުވާލި ފުޅަލިގަނޑު ލައްޕާލަންވެސް މަޑުކޮށް ނުލައި އޭނާއައިސް ވަނީ ގޭތެރެއަށެވެ. އެކަމަކު އެގޭތެރޭގައި ދިރޭ ފުރާނައެއްވެސް ނެތެވެ.

"ދައިތަ ވާނީ ވަލުގައި" އެވާހަކަ ހަފީޒާ ބުނީ އޭނާގެ އަމިއްލަ ނަފުސަށެވެ.

މާނޭވާއެއް ލާފައި އަނެއްކާވެސް ހަފީޒާ ދުއްވައިގަތެވެ. މިފަހަރު ބޮޑުމަގު އޮތް ގޮތަށް، އޭނާ ދުއްވައި ގަތީ ބޯކެޔޮ ވަލާއި ދިމާއަށެވެ. ގެތައް ނިމި ވަލުތެރެއަށް ވަދެވުނު ތަނުން، ހަފީޒާއާ ދިމާވީ، އާލިމްގެ މާމަޔާއެވެ. އޭނާއަކީ، ސަޓާ ވިޔަންކެނޑި ކަށިކެޔޮފަތް ބޮނޑިތައް ކިހިއްޔަށް ޖަހައިގެންނެވެ.

"ތަނެއްގައި އަލިފާން ރޯވީތަ؟ މަންޖެ ތި ދުވަނީ." މާމައެހިއެވެ.

ހަފީޒާ މާމަ ގާތަށް ހުއްޓެމުން ދެކަކުލުގައި އަތްއަޅައި ގުދުވިއެވެ. އެއަށްފަހު ތެދުވެ މާނޭވާލަމުން ލަމުން ވީގޮތް ކިޔައިދީފިއެވެ.

މަގޭ ދަރިއޭ ކިޔާފައި މާމަފެށީ އަޑުނެތްތަނަށް ރޯށެވެ. ރާމިޒާއޭ ކިޔާފައި އަޑުގެ ކޮޅަށް ގޮވާލަމުން ކިހިލީގައި އޮތް ކަށިކެޔޮ ފަތްބޮނޑި ވައްޓާލާފައި ކަނޑިކިކޮށިކޮށްގެން މާމަވެސް ގަމުތެރެއަށް ދުއްވައިގެންފިއެވެ.

ހަދާނެ ނަހަދާނެ ގޮތެއް ނޭނގިފައި ހުރެފައި ހަފީޒާ އަނެއްކާވެސް ދުއްވައިގަތީ ވަލުތެރެއަށެވެ. މާމަ އެއްޗެއް ނުބުންޏަސް ދައިތަވާނީ އެދިމާ ވަލުތެރޭގައިކަން ހަފީޒާ ޔަޤީން ކުރިއެވެ.

ވަށައިގެން އިވެނީ ދޫނި ގޮވާއަޑެވެ. ވަލުތެރޭގެ ގަދަފެހި ކަމުގެ ތެރޭގައި، މާހައުލުގައި ހިފާފައި ހުރީ ތެތް ފިނިކަމެވެ. އާލިމްގެ ބައްޕަ އިބްރާހީމް ދިއްގާ ވަކަގަނޑަކުން ދަރުތައް ބޮނޑި ބޮނޑިއަށް ބަންނަނީއެވެ.

"މަންމަ ގޮވާލި އަޑުތަ އެއިވުނީ!" މީހަކު ގޮވާލިއަޑު އިވުނުހެން ހީވެގެން ރާމިޒާ ސުވާލު ކުރީ ފިރިމީހާއާއެވެ.

"ނޭނގެ މަށެއް އަޑެއް ނާހަން، ތިއޮތް މުޑިކާށި ފަޅާލަ ބަލަ!" އެންމެ ފަހު ދަރުބޮނޑި ބަނދެފައި ހިންދަމާލަމުން އިބްރާހިމް ބުންޏެވެ.

"މިއީ ވަރަށް ނާށިބޯ ރުކަކު ކާއްޓެއް. މަށަކަށް ނުފެޅޭނެ!" ރާމިޒާ ކާއްޓާއި ކަތިވަޅި ދިއްކޮށްލީ އިބްރާހީމްގެ އަތަށެވެ.

ކާށި އަތުތެރޭގައި ބާއްވާފައި ދެފަހަރަކު ޖަހާލައިގެންވެސް ނުފެޅުނެވެ. އެހެންވެ އިބްރާހީމްވެސް ދެން ޖެހީ ތަންކޮޅެއް ބާރަށެވެ. ކާށީގައި އެޅި ރެނދުމަތީގައި ދެވަނަފަހަށް ޖެހުނުލެއް ބާރުވުމުން ކާށި ހުޅުވިގެން ދިޔައިރު، ލޯކިބަ އަތުތެރެއިން ދޫވެގެން ގޮސް ވެއްޓުނީ ވިނަގަނޑުމައްޗަށެވެ.

"އަސްތާ! ކާކު ހިތާމަވެރި ޚަބަރެއް ހިފައިގެން އަންނަނީ!" ރާމިޒާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

"މަންމަ ދައްކާ ބޯދާ ވާހަކަ ޤަބޫލުކޮށްކޮށް ތިހުންނަނީ މުޅިންވެސް ވަސްވާހުގައި ޖެހިފައި. ކާށި ކިބަޔަކާއި ހިތާމަވެރި ޚަބަރަކާއި އޮތީ ކޮން ގުޅުމެއް" އިބްރާހީމް ހިނިގަނޑެއް ޖަހާލިއެވެ.

ކާށިތެރޭގައި އޮތް މުޑި ދެފަޅިކޮށްލައި އެއްބައި އަނގަޔަށް ލަމުން އަނެއްބައި އިބްރާހިމް ދިއްކޮށްލީ އަންހެނުން ރާމިޒާއަށެވެ.

"މި ވަރަށް ފޮނި." އިބްރާހީމް ބުންޏެވެ.

އިބްރާހީމް ދިއްކޮށްލި މުޑިކޮޅު ރާމިޒާއަށް އަނގަޔަށް ނުލެވެނީސް އެތަނަށް ގަސްތަކާއި ގޮފިތައް ދަށުން އައިސް އެތަނަށް ނުކުތީ ހަފީޒާއެވެ.

"ދައިތާ! ދައިތާ!" މާނޭވާލަމުން ގޮވަމުން ހަފީޒާ ގާތަށް އައެވެ.

ރާމިޒާގަތީ ބިރެވެ. އޭނާގެ ގައިން ހީބިހި ނަގައިގަތެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާގެ ހަވަނަ ހިއްސު ބުނެދީފިއެވެ. ރާމިޒާގެ މެޔަށް ފިނިވެގެން ދިޔައެވެ.

"ދައިތާ! ދައިތާ! އާލިމްގެ ގައިގައި ބޮޑު މިޔަރެއް ދަތް އަޅައިފި!" ރޮމުން ރޮމުން ހަފީޒާ ބުނީ އޭނާއަށް ހީވިގޮތަށެވެ.

ފެނުނު މަންޒަރުތަކުން އެވަގުތު އޭނާއަކަށްވެސް އެއީ މިޔަރެއް ވެނެއް އަދި އެނޫން އެއްޗެއް ކަމެއްވެސް ވިސްނޭ ވަރެއް ނުވިއެވެ. އެހެން މީހުން ދެއްކި ވާހަކަތަކެއް ރަނގަޅަށް ފަހުމެއް ނުވިއެވެ. ހަފީޒާއަށް ހީވަނީ އަދިވެސް ފަސްގަނޑުމަތީގައި ތެޅި ތެޅި އޮތް އާލިމް ފެންނަން ހެންނެވެ.

"ކީކޭ މިޔަރެއް ދަތް އެޅީއޭ!" އިބްރާހީމަކަށް ޤަބޫލެއް ނުކުރެވުނެވެ.
"އާނ! މިހާރު ސެންޓަރަށް އެބަގެންދޭ!" ރާމިޒާ ބަހައްޓާފައި ފަހަތް ބަލާވެސް ނުލައި އިބްރާހީމް ބާރަށް ދުއްވައިގަތީ ވަލުން ނުކުންނާށެވެ. ރާމިޒާއަށް ފަހަތުން އަންނާށޭ ގޮވާލަމުންނެވެ.

ރާމިޒާއަށް ހީވީ މީހަކު އޭނާގެ ބޮލުގައި އެއްޗަކުން ޖެހި ހެންނެވެ. އިބްރާހީމް ގޮވާލި އެއްޗެއްވެސް އޭނާއަށް އިވުނީ، ބޫން އަޑެއްގެ ގޮތުގައެވެ. މޫނުމައްޗަށް އަނދިރިވެ ވެއްޓެން ދިޔައިރު ހިފަހައްޓާނެ މީހަކުވެސް ގާތުގައި ނެތެވެ. ރާމިޒާ ވެއްޓުނީ، އިބްރާހީމް ދޫކޮށްލި ކަތިވަޅީގެ މިޔަ މައްޗަށެވެ. އެމަންޒަރު ފެނުނު ހަފީޒާގެ ދެލޯ ބޮޑުވެ އަނގައިން ދިޔައީ ބަސްހުއްޓިގެންނެވެ. އޭރު އިބްރާހީމް ގަސްތަކުތެރެއަށް ގެއްލިއްޖެއެވެ.

=ނުނިމޭ=

3 ވަނަ ބައި 8 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ

 

The post ހަފީޒާ 2ވަނަ ބައި first appeared on Minivan.



More from Minivan