ގާޒީގެ ސުވާލާ ހެދި މައްސަލަ ބޮޑުވި ހުކުމް އިސްތިއުނާފް ކުރަނީ

Mon, 21 Oct 2024 03:53 PM

View on this article on Mihaaru

ގާޒީގެ ސުވާލާ ހެދި މައްސަލަ ބޮޑުވި ހުކުމް އިސްތިއުނާފް ކުރަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމުގައި، އަނިޔާލިބުނު ކުއްޖާގެ އަމަލުތަކާ މެދު ކޯޓުން ސުވާލު އުފެއްދި މައްސަލަ ފެންމަތިވެފައި ވަނިކޮށް އެ ހުކުމް އިސްތިއުނާފްކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ތައްޔާރުވެއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ އެ ހުކުމްގެ އިސްތިއުނާފު ތައްޔާރު ކުރަމުންދާ ކަމަށާއި މާދަމާ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ޖުލައި މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމް އިސްތިއުނާފު ކުރަން ލިބޭ 60 ދުވަހުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ.

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާލިބުނު ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމުގައި، އަނިޔާ ލިބުނު ކުއްޖާއާ މެދު އެ މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ހުކުމުގައި އުފައްދަވާފައިވާ ސުވާލުތަކާ ގުޅިގެން އޭނާ ސުލޫކީ މައްސަލައެއް މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ހުށަހަޅައިފަ އެވެ. މި އަހަރު ޖުލައި މަހު ނިންމި މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީން މިހާތަނަށް ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އާއި ޖިންސީ ގުނަވަނެއް ކަމަށް ބެލެވޭ ތަނެއް ދެއްކުމުގެ ދައުވާ ދައުލަތުން އުފުލި އެވެ. މި ދައުވާތަކަށް އޭނާ އިންކާރު ކުރި ނަމަވެސް، ދިފާއުގައި އެއްވެސް ހެއްކެއް ހުށައެއްނާޅަ އެވެ. އެކަމަކު ހުކުމްކުރީ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށެވެ.

ގާޒީ އުފެއްދެވި ސުވާލުތައް:

● ހިދުމަތް ހޯދަން ދިއުމުން ކުއްޖާގެ ޖީންސުގެ ތެރެއަށް އަތްލައިގެން ... ތުހުމަތު ކުރެވޭ މީހާގެ ޖިންސު ބޭލުމަށް ފަހު، .... .... ކުއްޖާ އެ ތަނުގައި މަޑުކުރީ ކީއްވެ ހެއްޔެވެ؟

● ކުއްޖާގެ ޖީންސުގެ ތެރެއަށް ތުހުމަތު ކުރެވޭ މީހާ އަތްލައިގެން ކުއްޖާގެ .... އަތްލައި ނުވަތަ ނުވަތަ ފިތާލެވުނީ ކުއްޖާ ލައިގެން ހުރި ޖީންސު ދޫކަމުން އެދޭތެރެއަށް އަތްވަދެވޭ ވަރުގެ ޖާގަ އޮތީމާ ހެއްޔެވެ؟

● ގަދަކަމުން ކުއްޖާ އޮބާބަހައްޓައިގެން ޖީންސުގެ ތެރެއަށް އަތްލައިގެން .... އަތްލީ ހެއްޔެވެ؟

ހުކުމުގައި މެޖިސްޓްރޭޓް ފާހަގަ ކުރައްވާފައިވަނީ އެކަންކަން ކުއްޖާގެ ބަހުން ސާފު ނުވާ ކަންކަން ކަމަށާއި އާންމު އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ވެސް ކުޑަކުއްޖަކު ނުރުހޭ އަމަލެއް ކޮށްފި ނަމަ ނުރުހުން ފާޅުކުރާނެ ކަމަށެވެ. އަދި ނުރުހުން ފާޅުކުރުމުގެ ގޮތުން ހަޅޭއްލަވައި އެތަނަކުން ދާނެ ކަމަށާއި ބަލަން ބޭނުން ނުވާ ތަނެއް ދައްކައިފި ނަމަ ނުވެސް ބަލާނެ ކަމަށް ހުކުމުގައިވެ އެވެ.

"އާންމު ގޮތެއްގައި ކުދިން ޖީންސު ލާނީ އުނަގަނޑަށް ހެޔޮވަރު ނުވަތަ ހެޔޮވަރު ނޫން ނަމަ ބެލްޓް ފަދަ އެއްޗެއް އަޅައިގެން ވިއަސް އުނަގަނޑަށް ބާރުވާ ގޮތަށް ހެޔޮވަރު ކޮށްގެންނެވެ. ހަމަ ހުރެފައި މީހަކަށް އެހާ ފަސޭހަކަމާ އެކު މި އުމުރުގެ ކުއްޖަކު އެއްވެސް ރިއެކްޓެއް ނުކޮށް ހުއްޓައި ޖީންސުގެ ތެރެއަށް އަތްލައިގެން --- އަތްލައި ފިތާ ހެދިދާނެ ކަމަށް އާންމު މީހަކު ވެސް ގަބޫލެއް ނުކުރާނެ އެވެ،" ހުކުމްގައިވެ އެވެ.

"އެހެންކަމުން ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގުނު ގޮތް ކަމަށް ބުނެ ކިޔައިދިން ގޮތަކީ ހަމަޖެހޭ ގޮތް ކަމަށް ބެލެވޭކަށް ނެތެވެ."





More from Mihaaru