ހަ މެންބަރަކު ޕީއެންސީއާ ގުޅި، ސުޕަމެޖޯރިޓީގެ އަދަދު 76 އަށް

Wed, 24 Apr 2024 12:48 PM

View on this article on Mihaaru

ހަ މެންބަރަކު ޕީއެންސީއާ ގުޅި، ސުޕަމެޖޯރިޓީގެ އަދަދު 76 އަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބުކުރި އިތުރު ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ ޕީއެންސީއަށް އިއްޔެ ސޮއިކުރައްވައިފި އެވެ.

ޕީއެންސީން މިއަދު ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރުގައި އިއްޔެ އެ ޕާޓީ އަށް ވަނީ ހަ މެންބަރަކު ސޮއިކުރައްވައިފަ އެވެ.

އެއީ؛

- ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް

- މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު

- މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު

- ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް

- ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ

- ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒް

މަޖިލިސް އިންތިހާބުގައި ޕީއެންސީން 66 ކެންޑިޑޭޓުން ކާމިޔާބުކޮށްފައިވާއިރު، ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓަކު ވެސް ވަނީ އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ގުނަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގަ އެވެ. އެހެންވެ ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު 76 އަށް އަރަ އެވެ.

އެންޓި-ޑިފެކްޝަންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެ އެވެ. ނަމަވެސް، މެންބަރެއްގެ ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، ކަން ވާނެ ގޮތެއް ގާނޫނުގައި ނެތެވެ.

މިކަމާ މެދު އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވެސް މިއަދު ވަނީ ސުވާލު އުފައްދައިފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓަކު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އިންތިޚާބުގައި ވާދަކޮށްގެން އޭނާ ހޮވިއްޖެ އެވެ. އޭނާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެ އެވެ. އެކަމަކު އޭނާ ހޮވުނީ މިނިވަން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އިލެކްޝަންސް ކޮމިޝަނުން އޭނާ ޕާޓީއަކަށް ނިސްބަތްވާކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު ސުވާލު އުފައްދާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ހޮވުނު މެންބަރަކު ނުވަތަ އަމިއްލަ ހައިސިއްޔަތުން އިންތިޚާބުގައި ވާދަކޮށްގެން ހޮވުނު މެންބަރަކު އެ މެންބަރަށް އެނގުމަކާ ނުލައި، އެހެން ޕާޓީއަކަށް އޭނާ ވައްދައިފި ހާލަތުގައި ކަންވާނެ ގޮތާ މެދު ވެސް ހަބީބު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"...އިސްވެ މި ދެންނެވުނު ދެ ހާލަތުންކުރެ ހާލަތެއް މެދުވެރިވާ މެންބަރެއްގެ ވާހަކަ އެންޓި-ޑިފެކްޝަން ގާނޫނުން ނުފެނުނީމާ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެނީ،" ހަބީބު ވިދާޅުވެފައިވެ އެވެ.





More from Mihaaru