މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ އުމްރާވެރިން މައްކާގައި ތާށިވެއްޖެ

Wed, 17 Apr 2024 11:18 AM

View on this article on Mihaaru

މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ އުމްރާވެރިން މައްކާގައި ތާށިވެއްޖެ

މަޝްއަރު ޓުއާސްގެ ފަރާތުން މިދިޔަ ރޯދަމަހު އުމްރާ އަށް ދިޔަ ދިވެހިންނަށް ނުފުރި، މައްކާގައި ތާށިވެއްޖެ އެވެ.

މިދިޔަ އަހަރުގެ ރޯދަމަހު ވެސް ބައެއް އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުންސްވި މައްސަލާގައި އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ބާތިލުކޮށްފަ އެވެ. ނަމަވެސް މި އަހަރު އެ ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް މީހުން އުމްރާ އަށް ގެންދިޔައީ އެޖެންސީއެއް ހަދައި "މަޝްއަރު ޓުއާސް"ގެ ނަމުގަ އެވެ.

މި ޓުއާ އެޖެންސީ ޓޫރިޒަމް މިނިސްޓްރީގައި ވެސް ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.

މައްކާގައި ތާށިވި ބައެއްގެ އާއިލާގެ މީހަކު "މިހާރު" އަށް ބުނީ އެ އެޖެންސީގެ ހަވާލުގައި އުމްރާ އަށް ދިޔަ ބައެއް އުމްރާވެރިން ފުރަން ޓިކެޓް ހަމަޖައްސާފައި އޮތީ އިއްޔެ އަށް ކަމަށެވެ. ނަމަވެސް ފަހު ވަގުތު ދިމާވި މައްސަލައަކުން ކަމަށް ބުނެ، އެ ގްރޫޕުގެ ހަވާލުގައި ދިޔަ އުމްރާވެރިންނަށް ނުފުރޭނެކަން އެންގި ކަމަށް އޭނާ ބުންޏެވެ.

"ފަހުން ބުނީ ރިޓާން ޓިކެޓަށް ވާ ފައިސާ ނުދެއްކިިއޭ އޮތީ، އަމިއްލަ އަށް ޓިކެޓު ނަގައިގެން ދާށޭ،" އޭނާ ބުންޏެވެ.

މަޝްއަރު ޓުއާސްގެ ހަވާލުގައި ދިޔަ 50 އެއްހާ މީހުން ވަނީ މައްކާގައި ތާށިވެފަ އެވެ.

އޭނާ ބުނި ގޮތުގައި، ފައިސާ ހުރި ނަމަ، އަމިއްލަ ހަރަދުގައި ރިޓާން ޓިކެޓު ނަގައިގެން ފުރުމަށް އެ އެޖެންސީގެ ވެރިޔާ ފާރިޝް އުމްރާވެރިންނަށް ވަނީ އަންގައިފަ އެވެ. އަދި ރިޓާން ޓިކެޓު އަމިއްލަ ހަރަދުގައި ނަގާ މީހުންނަށް 30 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދޭނެ ކަމަށް ފާރިޝް ބުނެފައިވެ އެވެ.

އެ އެޖެންސީގެ ހަވާލުގައި ދިޔަ އުމްރާވެރިން ވަނީ އުމްރާ އަށް ފުރުމުގެ ކުރިން ދެކޮޅު ޓިކެޓަށް ވާ ފައިސާ ދައްކައިފަ އެވެ.

އެނގިފައިވާ ގޮތުގައި، އެ އެޖެންސީގެ ހަވާލުގައި ދިޔަ އުމްރާވެރިން ތިބި ހޮޓަލަށް ވެސް އޭނާ ފައިސާ ދައްކާފައި ނުވެ އެވެ.

މި މައްސަލާގައި ފާރިޝް އަށް "މިހާރު" އިން ގުޅުމުންނާއި މެސެޖުކުރުމުން ވެސް އޭނާ ޖަވާބެއް ނުދެ އެވެ.

މަޝްއަރު ޓުއާސް އަށް މިފަހަރު ޓިކެޓް ވިއްކި އޭޖެންޓް "އޭސް ޓްރެވަލްސް" އިން ވަނީ ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުން ރިޓާން ޓިކެޓުތައް މިދިޔަ މަހު ފަހުކޮޅުގައި ކެންސަލްކޮށްފަ އެވެ.

އެ އެޖެންސީން މި ރޯދަމަހުގެ އުމްރާ ޕެކޭޖަށް ކަނޑައެޅި އަގަކީ 38،500ރ. އެވެ. އެއީ 21 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.

ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓަށް ވާ ފައިސާ އަށް ދޫކުރި ދެ ޗެކް ބައުންސް ވެގެން މިދިޔަ އަހަރު ވެސް މަޝްއަރު ގްރޫޕްގެ ހަވާލުގައި ރޯދަމަހު އުމްރާ އަށް ދިޔަ ބަޔަކު ސައުދީގައި ތާށިވި އެވެ. އެއީ 138 މީހުންނެވެ. އެ މައްސަލަ ވަރަށް ބޮޑުވެ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް އެ ފަހަރު ވަދެފަ އެވެ.

އެ ފަހަރު އެންމެ ފަހު ވަގުތުގައި އުމްރާވެރިންނަށް ފުރޭގޮތްވީ ޓިކެޓަށް ވާ ފައިސާގެ އެއް ބައި ދައްކައިގެން ފަހުން ފައިސާ ދައްކާ ގޮތަށް އެ ގްރޫޕުން އެއްބަސްވުމުންނެވެ.





More from Mihaaru