އަޅުގަނޑާ ބެހޭގޮތުން ހަދާ ދޮގުތަކުން އިދިކޮޅަށް ކާމިޔާބެއް ނެތް: ރައީސް

Tue, 16 Apr 2024 11:05 PM

View on this article on Mihaaru

އަޅުގަނޑާ ބެހޭގޮތުން ހަދާ ދޮގުތަކުން އިދިކޮޅަށް ކާމިޔާބެއް ނެތް: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތަކެއް އަޅުވަން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން ދަނީ ސަރުކާރަށާއި، ރައީސް މުއިއްޒަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (އިބުޓީ)ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ އެ ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވެފައި ވައުދުތައް ފުއްދަވައިދެއްވާނެކަން ޔަގީންވާތީ އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކި ކަހަލަ ދޮގު ހަދަމުންދަނީ. ދެން އަޅުގަނޑު ބޮލުގައި ދޮގު އަލުވަން އުޅެއުޅެ އެޅުވޭގޮތެއް ނުވޭ. އަޅުގަނޑަކީ ވައުދެއް ވެއްޖެނަމަ ތެދުބަހުން ވާހަކަ ދައްކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު (ވައުދު) ފުއްދާ މީހެއްކަން ރައްޔިތުން އެބަ ގަބޫލުކުރޭ،" ރައީސް ވިދާޅުވި އެވެ.

އޭގެ ހެއްކަކަކީ މިދިޔަ ފަސް މަސް ދުވަސް ތެރޭގައި ސަރުކާރަށް ނިންމޭނެ ހުރިހާ ކަމެއް ނިންމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއިން އެއްވެސް ކަމެއް ވޯކް ނުކުރީމާ، ދެން އެ މީހުންގެ (ސަރުކާރާ އިދިކޮޅު މީހުންގެ) ޔޫޝުއަލް ޓެކްނިކްސް އަށް މި ދަނީ. އޭގެ ކުރިން މޭޔަރު އިންތިހާބުގައި ވެސް އެންމެ ފަހު ވަގުތު ގޮތް ހުސްވެގެން އަޅުގަނޑުގެ އަބުރު ކަތިލަން ފެށީ،" ރައިސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްވަނީ.--

"މާލޭގެ ރައްޔިތުން އެކަން ގަބޫލެއް ނުކުރި. އަޅުގަނޑު ގެންގޮސް އެކި ކަހަލަ މައްސަލަތަކުގައި ސުވާލު ކުރައްވައި، ޝަރީއަތްކޮށް ކަންކަން ކުރެއްވި ނޫންތޯ، އެއިން އެއްވެސް ކަމެއް ސާބިތެއް ވެސް ނުވި."

އެއަށްފަހު ރިޔާސީ އިންތިހާބުގައި އެމަނިކުފާނާ ގުޅޭގޮތުން އެކި ކަހަލަ ވާހަކަ ދައްކައި އަބުރުކަތިލުމުން ވެސް ރައްޔިތުން އެކަން ގަބޫލު ނުކުރި ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު ވެސް މަސައްކަތް ކުރަނީ ދޮގު އިލްޒާމު އަޅުވައި އަގުވައްޓާލަން ކަމަށް ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ތާރީހެއް ތައްގަނޑެއް ނުޖަހައި އޮތް ޕޮލިސް އިންޓެލިޖެންސް ރިޕޯޓުގެ ޑްރާފްޓެއް އެ މަނިކުފާނާ ގުޅޭ ގޮތުން ތައްޔާރު ކުރިއިރު، އެ މަނިކުފާނުގެ ރޯހައުސްގައި ދިރިއުޅުނު މީހުންގެ ކުއްޔާއި ބައްޕާފުޅުގެ ފަރާތުން ވާރުތަވީ މުދަލާގުޅޭ މައުލޫމާތު ވެސް އެ ރިޕޯޓުގައި ހިމަނާފައި އޮތްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މަނިކުފާނާ ދެކޮޅަށް އެ ރިޕޯޓުން ކަމެއް ނުފެނުނު ކަމަށެވެ.

ރައީސް ވަނީ ރައްޔިތުންނަށް ދެރައެއް ލިބޭ އަދި ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ދުވަހަކު ވެސް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"އަޅުގަނޑު އެދެނީ ހަމަ ގަދަޔަށް ތި ވާހަކަ ދައްކަން. ދެއްކި ވަރަކަށް ހަމަ ތި ބޭފުޅުން ބޭޒާރުވާނީ،" ރައީސް ވިދާޅުވި އެވެ.





More from Mihaaru