މިހާތަނަށް 6,891 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

Tue, 22 Oct 2024 08:57 PM

View on this article on Khabaru Online

މިހާތަނަށް 6,891 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މިއަހަރުގެ މެއި 2 ވަނަ ދުވަހު ފެށުނު މަސައްކަތުގެ ދަށުން މިހާތަނަށް 6,891 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރެވިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.



ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، "އޮޕަރޭޝަން ކުރަނގި" މުޅި ރާއްޖެއަށް ފުޅާކޮށްފައިވާއިރު، ގްރޭޓަރ މާލޭގައި މި އޮޕަރޭޝަން ނޮވެމްބަރު 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވެއެވެ. މި އޮޕަރޭޝަނުގައި 150 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށާއި، ސަރުކާރުގެ އެސްއޯއީތަކުގެ އެހީތެރިކަން ހޯދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއްކުރުމެވެ. މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މަގުސަދެއް ނޫނެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

ފުރަތަމަ މަރުހަލާ ނިމުމަށްފަހު، ރަސްމީ ލިޔެކިޔުން ނެތި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، އެމްބަސީތަކާ ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރިއަށްދަނީ ދާޚިލީ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ. އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ފިލައިގެން އުޅޭ މައްސަލައަށް ފިޔަވަޅު އެޅުމާ ގުޅޭ އައު އުސޫލުތަކެއްވެސް އެކުލަވާލާފައިވެއެވެ.

The post މިހާތަނަށް 6,891 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި first appeared on Khabaru Online.



More from Khabaru Online