ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނަން: އިހުސާން

Tue, 22 Oct 2024 08:50 PM

View on this article on Khabaru Online

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނަން: އިހުސާން

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ވިދާޅުވީ މިހާރުވެސް ދެ މީހެއްގެ މައްޗަށް އެއްވެސް ސުވާލެއް ނެތް ގޮތަށް މަރުގެ ހުކުމް ތަންފީޒުކުރެވޭނެ ކަމަށެވެ.



ވަޒީރުގެ ވާހަކަފުޅުގައި، މިހާރު އޮތީ ތަންފީޒީ މަރުހަލާ ކަމަށާއި، އެކަމަށް ބޭނުންވާ އުސޫލުތަކާއި ގަވާއިދުތައް އެކުލަވާލައި، ތަން ތައްޔާރުކޮށް، މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފާހަގަކުރެއްވިއެވެ.

ދެން އޮތީ ތަންފީޒީ މަރުހަލާ. އެހެންވީމަ އެއަށް ހަދަން ޖެހޭ، އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ އުސޫލުތަކާއި ގަވާއިދުތައް އަދި ތަން ވެސް ތައްޔާރުކޮށް މީހުން ތަމުރީނުކޮށް މިކަންކަން އަޅުގަނޑުމެން މިކުރަނީ. އަޅުގަނޑަށް ޔަގީންކަން ދޭން ކެރިދާނެ އަޅުގަނޑުމެން މިހާރު އިއުލާން ކުރައްވާފައި އޮތް ގޮތަށް އެކަން ކުރާނަން ދިވެހިރާއްޖޭގައި.

އިހުސާން ވިދާޅުވި އެވެ.

މި މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި މަރުގެ ހުކުމް ތަންފީޒުކުރުމަކީ އަމާޒު ކަމުގައި އިހުސާން ވިދާޅުވި ނަމަވެސް އެކަމަށް ވަކި ތާރީޚެއް ކަނޑައަޅުއްވަން ބޭނުންފުޅުނުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީންގެ ވެރިކަމުގައެވެ. އޭގެ ފަހުން މަރުގެ ހުކުމް ކޮށްފައިވީ ނަމަވެސް، އެއްވެސް ހުކުމެއް ތަންފީޒުކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދަންޖައްސާގެންނާއި ލީތަލް އިންޖެކްޝަން މެދުވެރިކޮށް މަރުގެ އަދަބު ތަންފީޒުކުރުމަށް ގަވާއިދެއް އެކުލަވާލާފައެވެ.

The post ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނަން: އިހުސާން first appeared on Khabaru Online.



More from Khabaru Online