ޔާމީންގެ އާ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީކޮށް ދީފި

Thu, 25 Apr 2024 05:20 PM

View on this article on Khabaru Online

ޔާމީންގެ އާ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީކޮށް ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އަލަށް އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ރަޖިސްޓްރީކޮށްދީފިއެވެ.



އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންއެފް ރަޖިސްޓްރީކޮށް ދިނީ މިއަދެވެ. ޕީއެންއެފްގެ މަސްއޫލުވެރިއަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.

ޕީއެންއެފް އުފެއްދުމަށް އީސީ އަށް ހުށަހެޅުއްވި އިރު، ޔާމީން ހުންނެވީ ޖަލު ހުކުމެއްގައެވެ. އެހެންވެ، ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވައެވެ. އޭރުގައި ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ. ކްރިމިނަލް ކޯޓުން ޔާމީން ޖަލަށްލާން ހުކުމް ކުރި ނަމަވެސް ދާދި ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކޮށްފައެވެ.

ޔާމީންގެ ފަރާތްޕުޅުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވީ އެމަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ މިނިސްޓަރު މަލީހް ޖަމާލެވެ.

ޔާމީން، ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ރާޅުގަނޑު ސަރަހައްދުގައެވެ. އެ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން މަސައްކަތް ކުރީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައެވެ. އެކަމަކު، ފަހު ވަގުތު އެ ސްކޫލުން ވަނީ ޕީއެންއެފްއާ އެކުގައި ހެދި އެއްބަސްވުން ބާތިލްކޮށްފައެވެ.

އެއްބަސްވުން ބާތިލް ކުރި ނަމަވެސް ޕީއެންއެފުން ވަނީ އެ ޖަލްސާ ސްކޫލްގައި ބާއްވަން މަސައްކަތްކޮށްފައެވެ. އެހެންވެ، އެކަން ހުއްޓުވައި ދިނުމަށް ސްކޫލްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅުމުން މިނިސްޓްރީގެ އެދުމަށް ފުލުހުން އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓިއެވެ. އަދި ފުލުހުންނާއި ޕީއެންއެފްގެ މެމްބަރުންނާ ދެމެދު ކުރިމަތިލުން ހިނގައި ބައެއް މީހުންގެ ގަޔަށް ޕެޕާ ސްޕްރޭ ވެސް ޖެހިފައެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން އެންމެ ފަހުން ޖަލްސާ ރާޅުގަނޑަށް ބަދަލުކޮށް ޕާޓީގެ މަގާމުތަކަށް މެމްބަރުން ވަނީ އައްޔަންކޮށްފައެވެ.

The post ޔާމީންގެ އާ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީކޮށް ދީފި first appeared on Khabaru Online.



More from Khabaru Online